English Edition
Dhivehi Edition

މަސްވެރިން ބާނާ މަހަށް ދޭން ޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖެއްސައި ދިނުމާއެކު ފައިސާ ނުދެވޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން އެމްޑީޕީން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ. އެހެންނަމަވެސް ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭކަން ފާހަގަކުރައްވަމުން އަހްމަދު ދީދީ ވިދާޅުވީ އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހި، ދަރަނިވެރިވެ ބިލުތައް ނުދެއްކި ކަމަށެވެ. އަދި މަސްވެރިކަމަށް ބަރޯސާވާ ރަށްތަކުގެ ވިޔަފާރިއަށް ބުރޫ އަރާފައިވާ ކަމަށް އަހްމަދު ދީދި ވިދާޅުވިއެވެ.

މީގެ އިތުރުން އަހްމަދު ދީދީ ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މިހާރުން މިހާރަށް ހަމަޖައްސައި، ފައިސާ ނުދެވޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ.

މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަކަމަށް 74 މެންބަރުން ވޯޓު ދީފައިވާއިރު، މި މައްސަލައަށް ބަހުސްކުރުމަށް ރިޔާސަތުން ދިން ފުރުސަތުގައި އަހްމަދު ދީދީ ވިދާޅުވީ ސަރުކާރުން މަސްވެރިންނާ މެދު އަމަލުކުރަމުން ދަނީ ނިކަމެތިކޮށް ކަމަށެވެ. އަދި މަސްވެރި ގިނަ އާއިލާތަކުން ހަރަދުތައް ހަމަޖައްސަނީ ލުއިލޯނު ނަގައި، ޒަރޫރީ ބޭނުންތަކަށް ކަންމަތީ ފިހާރަތަކުން ކްރެޑިޓަށް ފައިސާ ނަގައިގެން ކަމަށް އަހްމަދު ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އަހްމަދު ދީދީ ވިދާޅުވީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައެވެ.