English Edition
Dhivehi Edition
ހުޅުމާލެ ބިން ހިއްކުމުގެ 3 ވަނަ ފިޔަވަހި/ ފޮޓޯ އެޗްޑީސީ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ހޯމަ ދުވަހު ހަވީރު ފެށި މި މަޝްރޫއާއެކު، ތިންވަނަ ފިޔަވަހިން ހިއްކާ 63 ހެކްޓަރުގެ ތެރެއިން މިހާރު ބާކީ އޮތް 40 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލާނެ ކަމަށެވެ. ފޭސް 3 ހިއްކުމުގެ މަސައްކަތަކީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ, މަސައްކަތެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ހުޅުމާލެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލީ ގާ ހުދުވުމުގެ މައްސަލަ ކުރިމަތި ވުމާގުޅިގެން، މިހިނގާ ޖޫން މަހުގެ 10ވަނަ ދުވަހާ ހަމަޔަށް ، ބިން ހިއްކުންފަދަ ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތައް އެވަގުތަށް ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގުމާއި ގުޅިގެންނެވެ.
ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކަށް ނުރައްކާ ބޮޑުވެފައި ވާތީ މިފަދަ މަސައްކަތްތައް ހުއްޓާލަން އީޕީއޭއިން އެންގީ މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ހުއްޓާލަން އެންގި މަސައްކަތްތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް އީޕީއޭއިން އޭގެ ފަހުން ، މި ޖޫން މަހުގެ 11ވަނަ ދުވަހު ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ އެޗްޕީއޭގެ ހުއްދައާ އެކުގައި ކަމަށެވެ. ހުޅުމާލޭ 3 ފިޔަވައްސަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.