English Edition
Dhivehi Edition

އަޟްޙާ ޢީދު ފާހަގަކުރުމަށް ރ. މީދޫއަށް ދިޔަ ގުރޫޕަކުން އެ ރަށު މިސްކިތެއްގެ ތެރޭގައި ނަށައި، ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މައްސަލަ ބަލަނީ “ދަންދާނަ” ނަމަކަށް ކިޔާ ގްރޫޕްގެ އަންހެން މެމްބަރުން މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެވެ. އެއީ ށ. މާއުނގޫދޫގެ ގްރޫޕެއް ކަމަށްވެއެވެ.

މި މައްސަލައާއި ގުޅިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ “ޔުނައިޓެޑް ފޮރ މައި މީދޫ ޑިވެލޮޕްމަންޓް” އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި ހުރި 300 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަދީމީ އާސާރީ މިސްކިތުގެ ހަރިންމަތެރެއަށް ވަދެ އެ މިސްކިތުގެ ހުރުމަތާއި ކަރާމާތަށް އުނިކަން ލިބޭފަދަ ހުތުރު އަމަލެއް ކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ،

“އަޅުގަނޑުމެން އެރަށަކަށް ފަޚުރުވެރިވާ މީދޫގެ އެންމެ މުހިއްމު ބިނާ ކަމަށްވީ އާސާރީ މިސްކިތުގައި،ސަގާފަތް ދިރުވުމުގެ ނަމުގައި ފާޙިޝް އަމަލުތަކާއި މުންކަރާތްހިމެނޭ ގޮތަށް ބޮޑެތި އިސްރާފްކޮށްގެން ފާހަގަކުރި އީދެއްގައި އެކަން ފާހަގަކުރަން ދައުވަތު ދެވިގެން އައިސް ތިބި ބަޔަކުގެ ކިބައިން ފެނުނު މި އަަމަލަކީ މުޅީ ރަށުގެ ރީތިނަން ކިލަނބުކޮށްލި ދަށުދަރަޖައިގެ ނާތަހުޒީބު އަމަލެއް” އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، މީހުން ނަމާދުކުރަން މިހާރު ވެސް ބޭނުންކުރާ މީދޫގެ އާސާރީ މިސްކިތުގެ އެތެރެއާއި ގޯތި ތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާތަން ފެނެ އެވެ.

ލިބާހެއް ލައިގެން ކުޅުނު ޓިކްޓޮކްގައި މިސްކިތު ވަޅުން ބަނޑިޔަލަށް ފެން އަޅައިގެން ހިނގާފައި ދާތަން ވެސް ފެނެ އެވެ.