English Edition
Dhivehi Edition

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ އަޑު ވަރަށް ގާތުން އަހަމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ވަޒީރު މިގޮތަށް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ މިދިޔަ ހުކުރުދުވަހުގެ މެންދުރު ފަހުން ފެށިގެން އައްޑޫގެ މަސްވެރިން މުޒާހަރާ ކުރަންފަށާފައިވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ މަސްވެރިންގެ ހުރި ޝަކުވާތައް ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ހިއްސާ ކުރަމުންދާ ކަމަށެވެ.

“މުޒާހަރާގައި އިސްކޮށް އުޅޭ ބައެއް ކެޔޮޅުންނާއި އަދި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއިވެސް މުއާމަލާތް ކުރެވެމުންދަނީ، މުޒާހަރާކުރަމުންދަނީ ނުދެވި ހުރި ފައިސާ ދިނުމަށާއި، މަސް ކިރާތާ 15 ދުވަސްތެރޭ ފައިސާ ދިނުމަށް، މިކަމަކީ ސަރުކާރުންވެސް ކުރުމަށް މަސައްކަތްކުރަމުންދާ ކަންތައްތައް.” ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ ޢީދު ބަންދަށްފަހު އަލުން ބޭންކުތައް ހުޅުވުމާއި އެކު މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް މަސްވެރިންނާއި ހިއްސާކުރެވޭނެ ކަމަށެވެ.
ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމަށްދަނީ މަސައްކަތްތަކެއް ކުރަމުންކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މިދިޔަ ހަފްތާތެރޭގައިވެސް މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބާކީ އަދި ނުދެވި ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އެބަހުރިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.