English Edition
Dhivehi Edition

ފުލުހަކު, ބޭއަދަބީކޮން އާންމުންގެ މީހަކާ މުއާމަލާތު ކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމާ ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ 2024 ޖޫން 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށާއި، އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައިދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން އެނގިފައިވާކަމަށެވެ.

އެހެންކަމުން، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރެވުނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި ފަރާތުގެ އާއިލާއިން ވަނީ ސައިކަލް ދުއްވީ 18 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ ސައިކަލް ދުއްވީ ލައިސެންސް ނެތިކަމަށް ވެސް އެއްބަސްވެފައެވެ. ސައިކަލް ދުއްވުމަކީ އޭނާ ކުރި ކުށެއްކަމަށް ގަބޫލް ކުރާކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް 18 އަހަރުގެ ކުއްޖަކާ ފުލުހުން ބޭއަދަބީ ކޮށް ވާހަކަ ދެއްކުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި މުއާމަލާތުކުރުމުގައި ޚިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޓެގު