ޖަރުމަނުގައި މިހާރު ފެށިގެން ކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، މުބާރާތާއި ވަކިވާން ޖެހިދާނެކަމުގެ ބިރު ކްރޮއޭޝިއާއަށް ހީވެއްޖެއެވެ.
ގުރޫޕް ބީގައި ހިމެނޭ ކްރޮއޭޝިއާ އަދި އަލްބޭނިއާ ވާދަ ކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
އަލްބޭނިއާގެ ފަރާތުން ރަަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް އަލްބޭނިއާއިންނެވެ. އަލްބޭނިއާއަށް ލީޑުނަގައިދިން މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ޖާސިރް އަސާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގާސިމް ލާސީއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އަލްބޭނިއާ ކުރީގައި އޮވެގެންނެވެ.
ކްރޮއޭޝިއާއިން ދެވަނަ ހާފު ފެށީ ވަރުގަކޮށެވެ. އެގޮތުން އަލްބޭނިއާގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. އަންޓޭ ބުޑިމިރް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމިރިޗްއެވެ.
ކްރޮއޭޝިއާއިން މި ލަނޑު ކާމިޔާބުކޮށް މާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ކާމިޔާބު ކުރި މި ލަނޑަކީ އަލްބޭނިއާ ގެ ކްލައުސް ގަސުލާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އަލްބޭނިއާއިން މެޗުގެ ނަތީޖާ ހަމަހަކުރީ މެޗުގެ އެންމެ ފަހުވަގުތުގައެވެ. މެޗުގެ އިތުރުވަގުތުގައި އަލަބޭނިއާއަށް ނަތީޖާ ހަމަހަކޮށްދިން ލަނޑު ޖަހައިދިނީ ކްލައުސް ގަސުލާއެވެ.
މި ނަތީޖާއާއި އެކު ކްރޮއޭޝިއާ އަދި އަލްބޭނިއާއަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އޮތް ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
ކްރޮއޭޝިއާ ދެން ބައްދަލުކުރަން ޖެހޭނީ އިޓަލީ އާއެވެ. އަދި އަލްބޭނިއާ ބައްދަލުކުރަން ޖެހޭނީ ސްޕެއިންނާއެވެ.