ދިރާގުން މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން، “ވިން އަ ޓެސްލާ”ގެ ނަސީބުވެރިޔަކީ ކާކުތޯ ބެލުމަށް ފޭސްބުކަމަށް ވަދެލިއިރު ކަމަކު ދާކަމަށް ނެތެވެ. އުމުރުން އެންމެ 26 އަހަރުގެ ކުޅުދުއްފުށީ ލައިޓްހައުސް، މުސްތަފާ މުހައްމަދު (ކުލަ ފިހި) އަށް އެންމެން މަރުހަބާގެ މެސެޖުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ. ކުލަ ފިއްސޭ ބުނީމަ ނޭގޭ މީހަކު މިހާރު ވަރަށް މަދުވާނެއެވެ. އެހެންކަމުން އެހާ މަޝްހޫރު މީހަކަށް ޓެސްލާއެއް ލިބުމުން އޭނާގެ މަގުބޫލުކަން އިހުނައްވުރެ ބޮޑުވެގެން ދާނެއޭ ހިތަށް އެރިއެވެ. އޭނާގެ ގާތް މީހުން ‘ރައިޑު’ ހޯދުމަށް ކޮށްފައިވާ މެސެޖުތަކާ ދަންނަ މީހުންނާ ނުދަން މީހުންގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލިއިރު ދިރާގުން ދައްކާލި ނަންބަރަށް ގުޅާ ‘ކުލަފިހި’ އަށް ގިނަ ބަޔަކު މަރުހަބާވެސް ކިއެވެ.
އެހެންނަމަވެސް މުޅި މަންޒަރު ބަދަލުގެން ދިޔައީ ޓެސްލާ ލިބުނު ‘އަސްލު’ މުސްތަފާ ފެނުނު ހިސާބުންނެވެ. މިފަހަރު ޓެސްލާ ލިބުނީ ކުޅުދުއްފުށީ މުސްތަފާއަކަށް ނޫނެވެ، މިފަހަރު އިނާމު ލިބުނީ އެކަމަށް އެއްވެސް އުއްމީދެއް ނެތި ހުރި، ކ. ތުލުސްދޫ މުސްތަފާ މުހައްމަދަށެވެ. މުސްތަފާ މުހައްމަދު ކިޔާ މީހަކަށް ޓެސްލާ ލިބުމުން ‘ކުލަފިހި’ ގެ ރަހްމަތްތެރިއަކު ސަމާސާއަކަށް އޭނާ ޓެގްކޮށް ޖެހި ޕޯސްޓެއް ބައެއް މީހުން މާ ސީރިއަސްކޮށް ނެގީއެވެ. އެހެންނަމަވެސް އޭނާ ދަންނަ އެކުވެރިންނަށް ކުލަފިހި ގެންގުޅެނީ ދިރާގު ނަންބަރެއް ނޫންކަން މާ ކުރިން ވެސް އެނގެއެވެ.
ކޮންމެއަކަސް އެ ސަމާސާގައި ގިނަ ބަޔަކު ޖެހިއްޖެއެވެ. މުސްތަފާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ދުވަހަކު ހާލު ބަލަން ނުގުޅާ މީހުންވެސް ޓެސްލާއެއް ލިބިއްޖެއްޔާ ގުޅާނެކަން އެނގިއްޖެކަމަށެވެ. “ޓެސްލާއެއް ކީއްކުރަން، ޓެސްލާއެއްގެ ފުރޮޅެއްވެސް ނުލިބޭ. ރައްޓެހިން ޖެއްސުމަށް ކުރި ޓެގްތައް ފެނުނީމަ އުފާވެއްޖެ. ހިދުކޮޅެއްގެ އުފާވެރިކަން ލިބިއްޖެ” މުސްތަފާ ބުނެފައިވައެވެ.
ޓެސްލާ ލިބުނު މުސްތަފާ ބުނީ އޭނާ ހުރީ ކާރު ލިބޭނެ ކަމަށް އުންމީދުކޮށްގެން ނޫން ކަމަށާއި އޭނާއަކީ ކާރު ދުއްވައި އުޅޭ މީހެއްވެސް ނޫން ކަމަށެވެ. އަދި އޭނާ އަތުގައި ކާރު ދުއްވުމުގެ ލައިސަންސްވެސް ނެތްކަމަށާއި ކާރު ލިބުމުން ހަދާނެ ގޮތަކާ މެދު އަދި ވިސްނާފައި ނެތް ކަމަށްވެސް މުސްތަފާ ވަނީ ބުނެފައެވެ.
ކޮންމެއަކަސް ދިރާގުން މިިދިން އަގު ބޮޑު ހަދިޔާ އާއި އެކު ‘މުސްތަފާ’ އަށް މި އޮތީ ބޮޑު ނަސީބެއް ލިބިފައެވެ.