English Edition
Dhivehi Edition

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް މުޙައްމަދު ޒަކީއަށް މާތްﷲ ހެޔޮ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާކަމަށެވެ. އަދި މަރުޙޫމް މުޙައްމަދު ޒަކީގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވިއިރު ޢުމުރުފުޅަކީ 68 އަހަރެވެ.
ޒަކީ ވަނީ 47އަހަރަށްވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވައި 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޙާސިލު ކުރައްވާފައެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސްވަނީ އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުކަމަށެވެ. އަދި ޒަކީގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. 28 އޮކްޓޫބަރު 2020 ގައި އުމުރުން 65 އަހަރުވެގެން، ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އެގްރިކަލްޗާ މިނިސްޓްރީގެ ސީއައި ޑިވިޝަންގެ ފޯމޭނެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނު ކަމާއި އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަމާއި ޕްރިންޓަރު ކަން ކުރެއްވި އެވެ.

އޭގެ އިތުރުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއާ ޕްރިންޓަރު ކަމާއި އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި ފޮތް ޗާޕުކުރާ ބައިގެ ސީނިއާ ޕްރިންޓަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވި އެވެ.

އެ ފަހުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓަރު ކަމާއި ޕްރިންޓިން ސުޕަވައިޒަރުކަންވެސް ޒަކީ އަދާކުރެއްވި އެވެ.

އަދި އެ ޑިޕާޓްމަންޓުން ހިންގާ ޖީސީއީ އޯ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތާއި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލުގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ކަރުދާސްތައް ޓައިޕް ކުރުމާއި އެ ސުވާލު ޕޭޕަރުތައް ޗާޕުކުރުމާއި ކޮލޭޓް ކުރުމާއި ހީރަސްޖެހުމާއި ޕޭޕަރުތައް ޕެކް ކުރުމުގެ މަސައްކަތްތައްވެސް ކުރެއްވި އެވެ.