English Edition
Dhivehi Edition
މާލެސިޓީ

މާލޭގައި ވީރާނާވެ، ތަޅާލަން ޖެހިފައިވާ 15 ވަރަކަށް އިމާރާތް ފާހަގަވެފައިވާ ނަމަވެސް، އެކަން ކުރުމަށް ކައުންސިލުގައި ބަޖެޓު ނެތްކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މި އިމާރާތްތަކުގެ ސަބަބުން މަގުމަތިން ފާރުތައް ވެއްޓި، ޕާކްކޮށްފައި ހުންނަ ވެހިކަލްތަކަށް ގެއްލުންވާކަމަށާއި، އާންމުންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބެމުންދާކަމަށް ރައްޔިތުން ޝަކުވާކުރާއިރު، އެކަމަށް އަދި ހައްލެއް ނުލިބެއެވެ.

ވީރާނާވެފައިވާ އިމާރާތްތައް ތަޅާލުމަކީ ގޭގެ ވެރިފަރާތްތަކުގެ ޒިންމާއެއްކަމަށާއި، އާންމުންނަށް އުނދަގޫވާ ހާލަތުގައި އެއީ ދައުލަތުން ކުރަންޖެހޭ މަސައްކަތެއް ކަމަށް މޭޔަރު ފާހަގަކުރައްވައިފިއެވެ. ނަމަވެސް، އެކަމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައި ނުވާކަމަށާއި، ކައުންސިލުގައި ވެސް އެފަދަ އިމާރާތްތައް ތަޅާލުމަށް ފައިސާ ނެތްކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭގައި ވީރާނާ އިމާރާތްތަކުގެ ތެރޭގައި އާންމުންގެ އިމާރާތްތަކާއި ދައުލަތުގެ ބައެއް އިމާރާތްތައް ހިމެނޭކަމަށާއި، މިފަދަ އިމާރާތްތައް ތަޅާލުމުން ނިކުންނަ ކުނި އަޅާނެ ޖާގަ ވެމްކޯގައި ވެސް ނެތްކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި އިމާރާތެއް ތަޅާލުމަށް ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ހޭދަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓު ހަމަޖެއްސުމަށް ސިޓީސް މިނިސްޓްރީއާއި ވެމްކޯ އާއެކު މަޝްވަރާކުރަމުން ގެންދާކަން މޭޔަރު ފާހަގަކުރައްވައިފިއެވެ. މާލޭގެ އިތުރުން ވިލިނގިލީގައި ވެސް މިފަދަ ވީރާނާވެފައިވާ އިމާރާތްތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ވީރާނާ އިމާރާތްތަކުގެ މައްސަލައަކީ ބިމުގެ ދަތިކަމާއެކު މާލޭގައި ދިރިއުޅޭ ބައެއް ގޭބިސީތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ހައްލެއް ހޯދައި، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށްވެހިކަން ކުރިއެރުވުމަކީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތެކެވެ.

ޓެގު