ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ހަންގޭރީ ބަލިކޮށް، ސްވިޒަރލެންޑުން ފެށުން ރަނގަޅުކޮށްފިއެވެ.
ސްވިޒަރލެންޑުން މިރޭގެ މެޗުގައި ހަންހޭރީ ބަލިކުރީ 3-1 ންނެވެ.
މެޗު ފެށިގެން 12 ވަނަ މިނިޓްގައި ސްވިޒަރލެންޑަށް ލީޑް ނަގައިދިނީ ފޯވާޑް ޑުއާހު އެވެ. އޭނާގެ މި ލަނޑަކީ އޭރިޔާ ތެރެއަށް ދިން ތްރޫ ޕާސް ޕެނަލްޓީ ސްޕޮޓާ ހަމައިން އެއްފަހަރުން ޖަހާ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ސްވިޒަރލެންޑްގެ ދެވަނަ ލަނޑު ޖަހައިދިނީ މިޝޭލް އައިބެޝާއެވެ. އޭނާ މި ލަނޑު ޖެހީ ޑީއޭރިޔާ ބޭރުގައި ހުރެ ދޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަހާފުގެ 63 ވަނަ މިނިޓްގައި ހަންގޭރީން ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބާނަބަސް ވާގަ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ލިބުނު ފުރުޞަތުގެ ބޭނުން ހިފާ އޭނާ ހަންގޭރީއަށް އުއްމީދެއް ހޯދައިދިނެވެ. މި ލަނޑު ވާގަ ޖެހީ ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ވެއްޓިގަނެފައި ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.
ހަންގޭރީގެ މި ލަނޑަށް ފަހު ގެނައި ބަދަލުތަކާއި އެކު ސްވިޒަލެންޑުން ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލަކަށް ކުޅެން އެރި އެމްބޯލޯ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށް، ސްވިޒަރލެންޑަށް މޮޅު ޔަގީން ކޮށްދިނެވެ.
މިމޮޅާއެކު ސްވިޒަރލެންޑް އޮތީ ގްރޫޕް އޭގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 5-1 ން ސްކޮޓްލެންޑް ބަލިކުރި ޖަރުމަނެވެ.