English Edition
Dhivehi Edition

ސިހުރު މުޅި މުޖުތަމައަށް އާންމުވެފައިވާ ކަމަށާއި، ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ސިހުރުގެ ނުބައިކަން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސިހުރު މުޅި މުޖުތަމައަށް އާންމުވެފައިވާ ކަމަށާއި، ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވާ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ސިހުރަކީ ރަހްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، އަދާވާތްތެރިކަން އުފެދޭ ކަމަށާއި، ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅި، ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަހައްމަލުކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ މި ސުންޕާ އަމަލު މިހާރު ވަނީ މުޅި މުޖުތަމަޢުއް ފެތުރި އާންމުވެފައިކަމަށާއި އެކަމުގެ ސަބަބުން، ގިނަ ޒުވާނުންތަކެއްގެ ހަޔާތް ވިއްސިވިހާލިވެ ބަރުބާދުވެގެންދާ ކަމަށެވެ. އަދި ސިހުރުގެ ސަބަބުން ބަލިވެ އެތައް އަޚުންނާއި އުޚުތުން ދުނިޔެ ދޫކުރަމުންދާކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިހުރުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައާއި އާއިލާތަކުގެ މެދުގައި އަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި އުމުރަށް ވަކިވެ އެތައް އާއިލާއެއް ވަކިވެގެންދާއިރު، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން ގިނަ ބަޔަކު މޮޔަވަމުންދާ ކަމަށެވެ.

ސިހުރަކީ ހަގީގަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށާއި، ސިހުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫން ކަމަށެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއް ކަމަށާއި، މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަން ބަޔާންކޮށް ޚުތުބާގައި ބުނީ ސިހުރަކީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއް ކަމަށާއި އެހެންކަމުން ސިހުރުހާހޫރައާ ދުރުހެލިވުމަށާއި، އަދި މުސީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިހްލާސްތެރިކަމާއެކު މާތް ﷲ ގެ ހަޟްރަތުގައި ދުއާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ސިހުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާއިރު، ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމަށާއި، ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޟްރަތުގައި دُعَاء ކުރުމަށް އެދިފައިވެއެވެ. އަދި ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި އެދިފައިވެއެވެ.

“މުސްލިމް އަޚުންނޭވެ! ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.”އަދި سُلَيْمَانُ ގެފާނުގެ ވެރިކަމުގެ ޒަމާނުގައި، شَيْطَانُ ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تَبَعَ ވޫއެވެ. سُلَيْمَانُ ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شَيْطَانُ ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سِحْرُ އުނގަންނައިދިނުމުންނެވެ. އަދި بَابِلُ ގައިވާ هَارُوْت އާއި، مَارُوت އާއި ދެ مَلَائِكَةُ ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާ ވެސް (އެއުރެން تَبَعَ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ، (إِيـْمَان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) اِمْتِحَان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ ވިދާޅުވެ (نَصِيْحَة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ مَلَائِكَةُ ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި، އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް، ވަކިކުރާނޭ ގޮތް، އެ ދެ مَلَائِكَةُ ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. الله ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخِرَةُ ގައި އެއްވެސް نَصِيْب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.