English Edition
Dhivehi Edition

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާ ޙައްޖާޖީންނަށް އަމާޒުކޮށްގެން ބާއްވާ މަޢުލޫމާތު ސެޝަންތައް ފަށައިފިއެވެ. މިގޮތުން ބޭއްވި ފުރަތަމަ ސެޝަން އޮތީ ހުކުރު ދުވަހު ރާއްޖެއިން ޙައްޖަށް ފުރާ ފުރަތަމަ ގްރޫޕްގައި ހިމެނޭ 288 މީހުންނަށެވެ.

އެ ބައްދަލުވުމުގައި ދީނީ ސެޝަން ނަންގަވައިދެއްވީ ޝެއިޚު މުޙައްމަދު ޠައްޔިބެވެ.
އޭގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ފޯރުކޮށްދެވުނު މަޢުލޫމާތުތަކުގެ ތެރޭގައި ޙައްޖުގެ ރުކުންތަކާއި ޙައްޖަށް ގޮސް އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި، އިޙްރާމް ބަނދެގެން ހުރެ ޢަމަލުކުރަންވީ ގޮތާއި އަދި ޙައްޖުގެ އަޅުކަމަށް ތައްޔާރުވާއިރު ސަމާލުކަންދޭންވީ ކަންކަމާއި ސިއްޙީގޮތުން އިސްކަންދޭންވީ ކަންކަމަށް އަލިއަޅުވާލެވުނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް އިޚުލާސްތެރިކަމާއެކު ފަރުޟު އަޅުކަން އަދާ ކުރުމަށް ނަސޭހަތްތެރިވެފައެވެ.

މިއަހަރު ގެ ފުރަތަމަ ގްރޫޕްގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.