ސިޑްސް ޤައުމުތަކުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރެވުނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރައްވާ ދަތުރުފުޅެއްގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
ދެ ޤައުމަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ވަކިން ހާއްސަކޮށް ސިޑްސް ގައުމުތަކުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން އިސްކަން ދެއްވާ، އެކަންތައްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.
ހަމައެއާއެކު، އެ ދަތުރުފުޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ސިޑްސްގެ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުވައިލައްވާފައިވެއެވެ.
މި އަހަރުގެ ސިޑްސް ކޮންފަރެންސްގެ ޝިއާރަކީ “ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ” ނުވަތަ “ފާގަތިކަމާއި ވިލުންވެރިކަން ހޯދައިދޭ ކުދި ޤައުމުތަކެއް ބިނާކުރުން” އެވެ.
ސިޑްސް ޤައުމުތަކުގެ ގޮތުގައި ދިވެހިރާއްޖެއާއި ސޭޝެލްސް ހިމެނޭއިރު، ތިމާވެށީގެ ގޮތުން ނާޒުކުކަން ހުންނަ މިފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން ދެ ޤައުމުގެ ވެރިން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ފިޔަވަޅު އެޅުމާއި، ސިޑްސް ޤައުމުތަކުގެ ފާގަތިކަމާއި ވިލުންވެރިކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސޭޝެލްސްގެ ރައީސް ވަނީ މި މަސައްކަތްތަކުގައި ރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުއިއްޒަށް އަރުވާފައެވެ.