English Edition
Dhivehi Edition

މެންޗެސްޓާ ސިޓީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ވެމްބްލީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން ޔުނައިޓެޑް މޮޅުވީ ސިޓީއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ ޔުނައިޓެޑުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ. މިރޭގެ ތަށްޓާއެކު ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބިފައެވެ. އަދި އަންނަ ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް ސިޓީއާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑެވެ.

ފައިނަލުގައި ޔުނައިޓެޑު އަތުން ބަލިވެ، އެންމެ ފަހުގެ ލީގު ޗެމްޕިއަން ސިޓީއަށް އެފްއޭކަޕް ތަށި ގެއްލުނުއިރު، އެޓީމުން މެޗު ފެށީވެސް ވަރަށް އާދައިގެ ގޮތަކަށެވެ. މާ ރަނގަޅު ކުޅުމެއް ސިޓީގެ ފަރާތުން ނުފެނުނެވެ. އެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ދަށް ކުޅުމެއް ފެނިގެން ދިއުމުގެ ނަތީޖާއަކަށް ވީ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނެގުމެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސިޓީގެ ފަހަތުން ޖޮސްކޯ ގްވާޑިއޯލް އާއި ކީޕަރު ސްޓެފަން އޮރިޓޭގާ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. ޔުނައިޓެޑަށް މި ލަނޑު ޖަހައިދިނީ އެލެހާންޑްރޯ ގާނާޗޯއެވެ.

އޭގެފަހުންވެސް ޔުނައިޓެޑު ރަނގަޅަށް ކުޅެފައިވާ އިރު، މެޗުގެ 39 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ޒުވާން ތަރި ކޯބީ މައިނޫއެވެ.

ދެވަނަ ހަފަށް ނުކުމެ، ސިޓީން ނަތީޖާ އަނބުރާލަން ކުރި މަސަައްކަތުގައި އާލިން ބްރައުޓް ހާލަންޑް ޖެހި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ކައިލް ވޯކާ އާއި ފިލް ފޮޑެން ފިނުވާލި ހަމަލާތައް މަތަކުރީ މި މެޗުގައި ތަފާތު ދެއްކި ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާއެވެ.

މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖެހީ ޖެރެމީ ޑޮކޫއެވެ.