ގުޅުމެއް ބަދަހިކޮށް ކައިވެންޏަކަށް އެގުޅުމުގެ މިސްްރާބު ޖެހި މަރުޙަލާގައި ދެމީހުން އެކަކު އަނެކަކާއި ބައްދަލު ކުރި ވާހަކަ ނުވަތަ ބައްދަލު ކުރަން ދާން ގަސްދު ކޮށްފައިވާކަން އެހެން ބަޔަކާ ހިއްސާ ކުރީ ކިތައް ފަހަރު ހެއްޔެވެ؟ ކޮންމެ ބައްދަލު ވުމެއްގައި ދައްކާ ވާހަކަތައް މައިންބަފައިން އަދި އާއިލާ މެމްބަރުންނާއި، ހިއްސާކުރީ ކިތައް ފަހަރު ހެއްޔެވެ! ދެބައިވެރިން ދިމާވެ ދައްކާ ވާހަކަތައް ރައްޓެހިންނާ ހިއްސާ ކުރެވުނީ ކިތައްފަހަރު ހެއްޔެވެ؟
ގިނަ ފަހަރަށް ކައިވެންޏާއި ހިސާބަށް ދަނީ ދެމީހުން އެކަކު އަނެކަކަށް އެނގި ގަޔާވާ އެތައް ސިފަތަކެއް ފެނިގެންނެވެ. ތިބާއަށްވުރެ ތިބާގެ ބައިވެރިޔާ އެނގޭނެ އެހެން މީހަކު ނުހުންނާނެ ކަން ޔަޤީންކޮށްގެންނެވެ. މި މަރުހަލާގައި ކަނދުފައްޗެއްވެސް ބޭނުން ނުވެއެވެ. ދެމީހުން ހިތްހަމަ ނުޖެހޭ ކަމަކާއި ހިތްރުހޭ ކަންތަކުގެ ވާހަކަތައް ހިއްސާ ކުރަނީ ދެމީހުން ދެމީހުންނަށެވެ. މެދުވެރި އެއް ބޭނުންވެސް ނުވެއެވެ!
ކައިވެންޏަކީ ދެ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައި ދެ ބައިވެރިންގެ މެދުގައި ވެވޭ އަޤްދަކަށް ވެއެވެ. ކައިވެނި ކޮށްގެން ފިރިމީހާގެ މަަަައިންބަފައިން ކައިރިއަށް ނުވަތަ އަނބިމީހާގެ މަައިންބަފަައިން ކައިރިއަށް ދިރިއުޅުން ބަދަލު ކުރާ ހިސާބުން ކުރިން ނުޖެހޭ މައްސަލަތަކެއް ދިމާވާން ފަށައެވެ. އާއިލާ ތެރެއިން ތިމާގެ ބައިވެރިޔާއަށް ފާޑު ކިޔުންތަކެއް އަމާޒުވެ އެވާހަކަތައް ދެކެވެން ފަށައިފިނަމަ އެއީ ތިމާގެ މައިންބަފައިން ކަމަށް ނުވަތަ އާއިލާ މީހުންކަން ބުނެ ރުންކުރު ގޮތަކަށް ކަންކަން އޮއްބާލާ ހަދައެވެ. ވަކި ދިރިއުޅުމެއް އުޅޭ ނަމަ، އެކަނިވެރިކަން ފިލުވުމަށް އެކަކު އަނެކަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުން، އެކަަކު އަނެކަކަށް ވަގުތު ނުދެވުމުގެ ސަބަބުން އަމާން އޮމާން ވަރުގަދަ ގުޅުން ހީނަރުވެ ޝަކުވާ ތަކުގެ އަޑު ގަދަވެއެވެ. އެހިސާބުން އެ އަންހެން މިހާ އަކީ ޒީލަގަދަ މީހަކަށްވެ އެވާހަކަ ރައްޓެހިންނާއި އާއިލާއަށްވެސް ހިއްސާ ކޮށް ފާޑު ކިޔުން އަޑު އަހާ ހިސާބަށް ވެސް ދެއެވެ. ފިރިމީހާއަކީ އަނބިމީހާ ކުރާ ކޮންމެ ކަމަކާއި ބެހޭ މީހަކަށްވެ އަމިއްލަ މިނިވަންކަން ނަގާލަން މަސައްކަތް ކުރާ، އަބަދު ސަމާލުކަން ހޯދަން އުޅޭ ބޮލުތަދަކަށްވެއެވެ.
ކައިވެނީގެ ގުޅުން ވަރުގަދަނަމަ އެއްވެސް މީހަކަށް ތިބާގެ ބައިވެރިޔާއޭ ބުނެ ފާޑު ކިޔުމުގެ ފުރުސަތެއް ނުދޭނެއެވެ. މައިންބަފައިން ކަމުގައިވިޔަސް އާއިލާ މީހުން ކަމުގައި ވިޔަސް ތިމާގެ ބައިވެރިޔާއަށް ފާޑު ކިޔަން ފުރުސަތު ދިނުން އެއީ ދިވެހި ޞަޤާފަތަކަށް ވެފައިވާ ކަމެކެވެ. އަދި ތިބާގެ ބައިވެރިޔާގެ ވާހަކަ ރައްޓެހިންނާއި ޙިއްސާ ކޮށް އުނި ސިފަތައް ބައިވެރިޔާ އާއި ހިއްސާ ނުކޮށް ދޫކޮށްލެވޭ ކަމުގެ ނަތީޖާއަކަށް ވަނީ އެޙިއްސާ ކުރެވޭ ފަރާތެއްގެ ދުލުން އަނގަޔަށް ފަސޭހަ ކޮށް ބުނާ ބޮޑު ބަހެކެވެ. “ތިވަރުން ނޫޅެވޭނެ، ވަރިކޮށްލާށެވެ! އާ މީހެއް ހޯދާށެވެ!” ކަމެއް ހައްލުކުރަން މަޝްވަރާ ކުރުމާއި ފާޑު ކިޔުމަކީ ތަފާތު ދެކަމެއްކަން ހަނދާން ކުރަންޖެހެއެވެ.
އަމިއްލަ އަށް ތާކު ހަމަޖެހިލައިގެން އިނދެ ވިސްނާލަން ހިނގާށެވެ! ތިބާ އަމިއްލައަށް އެގުޅުމެއް ބިނާކުރަން ކުރި މަސައްކަތާއިއެކު، ތިބާ ބައިވެރިޔާ އާއިއެކު ވޭތު ކުރި ދުވަސްތަކަކުން ތިބާއަށް ދަސްވި ބައިވެރިޔާ، ތިބާއަށްވުރެ ބޮޑަށް މައިންބަފަަައިންނާއި، އާއިލާއަށް ނުވަތަ ރައްޓެހިންނަށް އެނގޭނެ ހެެއްޔެވެ؟
ހިތްނުތަނަވަސް ގަޑީގައި ތިބާއަށް ތިބާގެ ބައިވެރިޔާގެ ވާހަކަ ހިއްސާ ކުރެވެނީ އެންމެ ރަނގަޅު މީހާއަށް ތިބާ އަށް ހީވިޔަސް އެއީ ތިބާގެ ހަތުރަކަށްވެސް ވެދާނެއެވެ. ކައިވެނި ރޫޅާލުމަކީ އެކައިވެންޏެއްގައި ދަރިން ތިބޭ ނަމަ އެކުދިންނަށްވެސް އޭގެން ނޭދެވޭ އެތައް އަސަރެެއް ކުރާނެ ކަމެއްކަން، މިޒަމާނުގައި ބުނެދޭނީވެސް މަދު ބައެކެވެ. ދުވަހެއް ދުވަހަށް ދަރިންވާނީ ބޮޑުކަމަށް ބުނެ ދިމާވެގެން އުޅޭ މައްސަލަ ހިކުމަތް ތެރިކަމާއިއެކު ހައްލު ކުރަން ބުނުމުގެ ބަދަލުގައި ވަރިކޮށްލުމަށް ނުވަތަ ވަރިވުމަށް ބުނަނީ ވިސްނުމެއް ނެތިއެވެ. އެހެން ނަސޭހަތް ދޭ މީހާގެ ޒަވާޖީ ހަޔާތުގެ ހާލަތު ތިބާގެ ހާލަތަށް ވުރެ އަޑި އަޅާފައި އޮތަސް، އަމިއްލަ ކައިވެނި ރޫޅާ ނުލައި ތިބާއަށް އެނަސޭޙަތް ދިންމީހުން ނަކީ ހަަމަ ހެޔޮ އެދޭ މީހުން ހެއްޔެވެ؟ ބައިވެރިޔާގެ އުނި ސިފަތަކެއްގެ ވާހަކަ ހިއްސާ ކުރުމުން އެ ބައިވެރިޔާގެ ރަނގަޅު ސިފަތައް ހަނދާން ކޮށްދީ، އެ ދިރިއުޅުމުގައި ދެމީހުން އެެއްކޮށް ކޮށްފައިވާ ރަނގަޅު ކަންތައްތައްވެސް ހަނދާން ކޮށްދޭނީ މަދު ބައެކެވެ. ދެމީހުން އެކުގައި ގުޅުން ފެށިއިރު ކުރެވުނު މުޢާމަލާތް، ކަނދުފައްޗަކާއި ނުލައި ދެމީހުން ދެމީހުންނަށް ހިއްސާކޮށް، ހައްލު ކުރަން ވިސްނައިން ކުރިޔަށްދާ ދެމަފިރިންނަމަ ޙައްލު ނުވާނެ މައްސަލައެއް ނޯންނާނެކަން ޔަޤީނެވެ. ދެމަފިރިން މުޢާމަލާތްކޮށްގެން ދެން އެކުގައި ނޫޅެވޭނެކަން ޔަޤީންވާ ހިސާބުން މަޝްވަރާކޮށް ކައިވެނި ރޫޅާލާނަމަ ދެމީހުންނަށް ލިބޭނެ ހިތާމައެއްވެސް، ދެމީހުން ދެމީހުންނަށް އަންނާނެ ރުޅިއެއްވެސް، ކުރާނެ ނަފްރަތެއްވެސް ނޯންނާނެ ކަން ޔަޤީނެވެ. ތިބާގެ ބައިވެރިޔާ ތިބާއަށްވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ހުރެގެން ނުވާނެއެވެ!
ކައިވެނީގެ ގުޅުން ފަނޑުވެ ހީނަރުވާން ފަށައިފިނަމަ ބުއްދިވެރި ގޮތަކީ ޕްރޮފެޝަނަލް ރިލޭޝަންޝިޕް ކައުންސެލަރެެެއްގެ އެހީ ދެމީހުންވެސް ހޯދުމެވެ. ކައިވެންޏަކީ ދެމީހުންގެ މިސްރާބު އެއް މިސްރާބަކަށް ދާ އެއްޗަކަށް ހަދާށެވެ. ދެމަފިރިންގެ ހަޔާތުގެ ނައު ދުއްވާނީ ދެމަފިރިންނެވެ. އެނައުއަށް އަރާ ބިޔަ ރާޅުތަކުން މިންޖުވާން މަސައްކަތް ކުރާނީވެސް ދެމަފިރިންނެވެ.