English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

އުމުރާ ނުގުޅޭ ވާހަކަ ދައްކާ ދަރުވަރުންތަކަކާ ގްރޫމްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ބަންދުން ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ބުނެފިއެވެ.

މި މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރުކޮށްފައި ވަނީ ހަމަ އެމަހުގެ 27 ވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން އެ ޓީޗަރު ފުރަތަމަ ބަންދު ކުރީ 20 ދުވަހަށް ނަމަވެސް އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު ވަނީ 30 ދުވަހަށް އިތުރު ކޮށްފައެވެ.

ނަމަވެސް އެ މުއްދަތު ހަމަ ނުވަނީސް މެޖިސްޓްރޭޓް ކޯޓުން ވަނީ ވަކި ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ނިންމާފައެވެ.

ކުރިން މިފަދަ ތުހުމަތެއް ނެތް ނަމަވެސް، އެހެން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި، އަދި ފުލުހުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ތުހުމަތުކުރެވޭ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫންކަމަށް ބުރަވެވޭތީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބަދަލުކޮށްފައެވެ. އަދި 7 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.