English Edition
Dhivehi Edition
ކޮމިއުނިޓީ ކަރެކްޝަންސް ޕްރޮގްރާމުގެ ތެރެއިން

ދިވެހިރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ސެންޓްރަލް ޖަލުގައި ކެއްކުމާއި ފެހުމާއި ސާފުކުރުމާއި މެއިންޓަނަންސްގެ މަސައްކަތްތައް ކުރާނީ ގައިދީންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން ބޭއްވި “ޢާހާ” ޕްރޮގްރާމްގައި މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި ޖަލުތަކުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ. އަދި ސެންޓްރަލް ޖަލަކީ ގައިދީންނަށް އަދަބު ދިނުމަށް ހަދާ ތަނެއް ނޫންކަމަށާއި، އެތަނަކީ ގައިދީން ރިހެބިލިޓޭޓްކުރުމަށް ޚާއްސަކުރާ ސެންޓަރެއް ކަމުގައި ވިދާޅުވިއެވެ.

ގައިދީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ކެއްކުމާއި ފެހުމާއި ސާފުކުރުމާއި އަދި މެއިންޓަނަންސްގެ މަސައްކަތްތައް ހިމެނޭކަމަށް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ގައިދީންނަށް ކޮންމެވެސް ފެންވަރެއްގެ ސެޓްފިކެޓެއް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.

ސެންޓްރަލް ޖަލު ގާއިމުކުރުމުގައި ބަންދުކުރެވޭ ގައިދީންގެ އުމުރުފުރައާއި ޖިންސާއި ކުށުގެ ބާވަތަށާއި ދަރަޖައަށް ބެލުމަށްފަހު ވަކިކުރެވޭނެ އެވެ. އަދި ކޮންމެ ބާވަތެއްގެ ގައިދީންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދެވި، އެ މަސައްކަތްތަކުން ހުނަރު ލިބި، އަލުން މުޖުތަމަޢަށް އެނބުރި އައުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ސެންޓްރަލް ޖަލުގައި ކުރެވޭ މަސައްކަތްތައް ހިންގައި ބަލަހައްޓާނީ ހަމައެކަނި ގައިދީން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޖަލު އޮފިސަރުންނާއި ފުލުހުންގެ ޔުނިފޯމް ފަހައި އެމީހުންނަށް ކާންދިނުން ހިމެނެ އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޖަލުން ނިކުންނަ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ އުފެއްދުންތެރި ބަޔަކަށް ވެގެންދާނެ އެވެ. އަދި އާއިލާއާ ގުޅުން ބަދަހިކޮށް، މުޖުތަމަޢަށް އިޙުތިރާމްކުރުމަށް އަހުލުވެރިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.