English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް ބިމެއް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިކަން ހާމަކުރައްވަމުން ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ތައް ހަމަޖެހޭނެ ފަދައިން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވައި އެކަމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ، ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވި ކަމަށާއި އަދި އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައި ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ މި ވަދުފުޅާއި އެއްގޮތަށް މިހާރު މަސައްކަތް ފެށިފައިވާއިރު، ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދަޢުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނޭކަމަށެވެ. އަދި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވި ކަމަށް ނައުނު ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރައްވަމުން ނައިބް ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް މުއިއްޒު، އިންތިގާލީ މަރުހަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް ކަމަށާއި އަދި އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދަޢުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ބައުނު ރައީސް ވިދާޅުވެފައެވެ.