English Edition
Dhivehi Edition
މީގެ ކުރިން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގޭގެ ގޯތިތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް --

ބޮކްސާގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅަފައިވާކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުން ބަޔާން ހުށަހަޅާފައިވާ އިރު އޭނާ ލައިގެން ހުރި ބޮކްސް އާއި ހަށިގަނޑާއި ދޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އޭނާގެ ކުޑަ ކަމުދާތަކެތި އޯޕީއައި، ބެންޒޯ އަދި އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މި ބަޔާނުގައި ބުނެފައިވެއެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.