English Edition
Dhivehi Edition

ލިޔުނީ : މުޙައްމަދު ޙިޛްޔަމް ޙާމިދު ޝަމްސުއްދީން ސްކޫލުގެ 7 ވަނަ މަދަހަ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ، އެ ސްކޫލުގެ ގްރޭޑް 6-އޭ ގެ ދަރިވަރު ނައުޝީން ވަަސީމް ހޯދައިފިއެވެ. 6 އުމުުރުފުރާކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މަދަހަ މުބާރާތުގެ، މުޅި މުބާރާތުން 2 ވަނަ ހޯދައިފައި ވަނީ ގުރޭޑު 6-ބީ ގެ ދަރިވަރު މީކާއިލް އާސިފްއެވެ. އަދި 3 ވަނަ ހޯދާފައިވަނީ ގުރޭޑު 1 ގެ ދަރިވަރު ރައިނާ އަލީ ޝަރީފުއެވެ. ރޭ ޝަމްސުއްދީން ސްކޫލުގައި ބޭއްވި މަދަހަ މުބާރާތުން ވަނަތަކަށް ދިޔަ ދަރިވަަރުންނަށް އިނާމު ހަވާލު ކުރުމުގެ ހަފްލާގައި ވަނަ ވަނައަށް އައި ދަރިވަރުންނާއި ޓްރޮފީ ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން، ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ވަހީދެވެެ. ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ވަހީދު ވަނީ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން ވަހީދު ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ ސަވާބާއި ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.   ރޭގެ ހަފްލާގައި އިސްލާމް ކްލަބުގެ އިންޗާޖް، އަބްދުﷲ މުހައްމަދު ވެސް ވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަބްދުﷲ ގެ ވާހަކައިގައި ބޮޑަށް އަލި އަޅުވާލައިފައި ވަނީ މަދަހަ ކިޔުމުގައި ދަރިވަރުން އިތުރަށް ރަނގަޅު ކުރަންވާ ކަންތައްތަކާ މެދުގައެވެ. އަދި އަނެއް އަހަރު މަދަހަ މުބާރާތް ބާއްވަން ނިންމާފައިވާ ގޮތާއި މެދު އަބްދުﷲ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން އަބްދުﷲ ވަނީ މި މަދަހަ މުބާރާތް މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އެހީތެރިވި ސްކޫލުގެ ހުރިހާ މުދައްރިސުންނަށާއި ސްޓާފުންނަށް ޝުކުރު އަދާ ކޮށްފައެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހައް ޚާއްސަކޮށްގެން މި މަދަހަ މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުންގެ މެދުގައި މަދަހަ ކިއުމަށް ޝައުގު އުފެއްދުމާއި ދަރިވަރުންގެ ހިތްތަކުގައި މަދަހަ ކިޔުމަށް ލޯބި ޖެއްސުމެވެ. މިއީ ޝަމްސުއްދީން ސްކޫލުން ބާއްވާ މިފަދަ 7 ވަނަ މަދަހަ މުބާރާތެވެ.