English Edition
Dhivehi Edition

އަޅުކަން ކުރުމަށާއި ދަރުމައާއި ޘަވާބު ހޯދުމަށް މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މި މައްސަރުގެ ބޭނުން ހިފާށެވެ.

މި ހިނގާ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. އަދި މިއީ ގުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމާއި. ހިދާޔަތުގެ މައްސަރުވެސްމެއެވެ.

މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. رَمَضَان މަހަކީ، އެމަހެއްގައި قُرْآن ބާވައިލެއްވި މަހެވެ. (އެ قُرْآن ބާވައިލެއްވީ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި هِدَايَة އާއި حَقّ އާއި بَاطِلُ ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ.”

“أَبُوْ هُرَيْرَةَ رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމަ رَمَضَان މަހަށް ހަނދު ބެލުމުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އެމަހަށް މަރްޙަބާ ދަންނަވައި އެބޭކަލުންނަށް އުފާވެރި ޚަބަރު ދެއްވައި ޙަދީޘްކުރައްވައެވެ. “ތިޔަބޭކަލުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. اللهُ سُبْحَانَهُ وَتَعَالَى ވަނީ އެމަހުގައި ރޯދަ ހިފުން ފަރްޟެއްކަމުގައި ލައްވަވާފައެވެ. އަދި އެމަހުގައިސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި އެމަހުގައި ޝައިޠާނުންގެ މާރިދުން ކަސްތަޅު އެޅުވޭނެތެވެ. އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ.”

ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާއިރު، ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅައެއްބައި ކަމަށް ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުގެ އަލީގައި އެނގެއެވެ.

ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެކެވެ. އެގޮތުން ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ.

ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައީ: “ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!)ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ اللّٰهُ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ.”ވީމާ، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި ފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.

ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. “ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (اَلصِّيَامُ جُنَّةٌ إِذَا كَانَ أَحَدُكُمْ صَائِمًا فَلَا يَرْفُثْ، وَلَا يـَجْهَلْ، فَإِنِ امْرُؤٌ قَاتَلَهُ، أَوْ شَاتـَمَهُ، فَلْيَقُلْ: إِنِّيْ صَائِمٌ، إِنِّيْصَائِمٌ) މާނައީ: “ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ،ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތައް ކުޅައުމަށް ނުވަތަ އަރައިރުންވެ ޖަދަލުކުރާނަމަ، ފަހެ ތިބާބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ.”

މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެނެސް، މުޖްތަމަޢުއެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވުމަށް މަސައްކަތްކުރަން ޖެހެއެވެ.

ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. (عَلَى كُلِّ مُسْلِمٍ صَدَقَةٌ). قَالُوا: يَا رَسُولَ اللهِ، فَإِن لَّـمْ يَسْتَطِعْ أَوْ لَـمْ يَفْعَلْ؟ قَالَ:(يَعْتَمِلُ بِيَدَيْهِ فَيَأْكُلُ مِنْهُ وَيَتَصَدَّقُ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُعِيْنُ ذَا الْـحَاجَةِ الْمَلْهُوْفَ)، قَالُوا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يَأْمُرُ بِالْـخَيْرِ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُـمْسِكُ عَنِ الشَّرِّ، فَإِنَّـهَا لَهُ صَدَقَةٌ)މާނައީ:”ކޮންމެ މުސްލިމެއްގެ މައްޗަށް ޞަދަޤާތެއް ވެއެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ކުރުމަށް ނުކުޅެދުންތެރިވެ ނުވަތަ އެކަން ނުކޮށްފިނަމަ،ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “އަމިއްލައަށް މަސައްކަތްކޮށް ލިބުނު އެއްޗެއް އޭނާ ކައި އަދި ޞަދަޤާތް ކުރާނީއެވެ!” އެބޭކަލުން ދެންނެވިއެވެ. އޭނާ އެކަންވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ބޭނުންޖެހިއެކަމަށް އެދޭ މީހާއަށް އެހީތެރިވާނީއެވެ!” އެބޭކަލުން ދެންނެވިއެވެ. އެކަންވެސްނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ހެޔޮކަންތަކަށް އަމުރުކުރާނީއެވެ!” އެބޭކަލުން ދެންނެވިއެވެ. އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން އޭރުންވާނީ އޭނާގެ ނަފްސަށްވެވޭ ޞަދަޤާތަކަށެވެ!”

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތްނަމޫނާއަކަށް ބަލައިގެންނެވެ. އެހެންކަމުން، ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށް ނަސޭހަތްރެިވަމެވެ. އަދި ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތްالله ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާބަޔަކަށްވެ ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ.

 

މައުލޫމާތު: ޚުތުބާ