ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަންއޭރިއާއިން އައްޑޫސިޓީގައި ފަށަން ނިންމައިފިއެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހު 25 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 14 ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މަރަދޫ ސްވިމިން ޓްރެކްގައެވެ.

މި ޕްރޮގްރާމަކީ 18 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ހަރަކާތުގައި ފެތުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި، ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މިއީ އިޖުތިމާޢީ ޒިންމާގެ ދަށުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ސަދަންއޭރިއާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި، ކިޔަވައިދޭނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.