English Edition
Dhivehi Edition

ޕޯޗުގަލް ގައުމީޓީމާއި އަލް ނަޝްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ކެރިއަރުގެ ރަން ދުވަސްތައް މާޒީވެ ހިނގަށްޖެ ކަމަށާއި ދެން ޕޯޗުގަލް ގައުމީ ޓީމު ރޮނާލްޑޯއަށް ބަރޯސާ ނުވާނޭކަމަށް ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރ ޔާއޯ ކާންސެލޯ ބުނެފިއެވެ.

ޕޯޗުގަލް މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ރޮނާލްޑޯއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކާންސެލޯ ބުނީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިހާރު ރޮނާލްޑޯއަށް އޭނާގެ އަސްލު ފެންވަރު ނުދެއްކޭކަމަށެވެ.

ކާންސެލޯ ބުނީ ރޮނާލްޑޯއަކީ އެއް އިރެއްގައި މޮޅު ކުޅުންތެރިއެއް ނަމަވެސް މިހާރު އެ ކުޅުން އޭނާއަށް ނުދެއްކޭ ކަމަށާއި، އެދުވަސް މާޒީވެ ހިނގައްޖެކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު، ޕޯޗުގަލް ގައުމީ ޓީމުގައި ޒުވާން ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް ތިބިއިރު، ހަމަ އެކަނި ރޮނާލްޑޯއަށް ޕޯޗުގަލް ޓީމު ބަރޯސާ ނުވާނޭކަމަށް އޭނާ ބުންޏެވެ.

” ރޮނާލްޑޯ އަކީ ވަރަށް ވެސް މުހިންމު ކުޅުންތެރިއެއް. ޕޯޗުގަލް ޓީމަށް ރޮނާލްޑޯގެ ފަރާތުން ބޮޑެތި ފައިދާތަކެއްވެސް ކުރާކަން އެއީ ހަގީގަތެއް. އެހެން ނަމަވެސް މިހާރު ރޮނާލްޑޯގެ މޮޅު ކުޅުން އެއީ މާޒީ. އެހެންކަމުން ޕޯޗުގަލް ޓީމު ހަމަ އެކަނި ރޮނާލްޑޯއަކަށް ބަރޯސާނުވާނެ. އެއީ މިހާރު ރޮނާލްޑޯއަށް ވުރެ، ޒުވާން އަދި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ޓީމުގައި ތިބުމުން. ހަމަ ޔޫރަޕްގެ ޓޮޕް ލެވެލްގެ ބޮޑެތި ކުލަބުތަކަށް ކުޅޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމުގައި އެބަތިބި. އެހެން ވީމާ ހަމަ އެކަނި ރޮނާލްޑޯއަށް ޓީމު ބަރޯސާއެއް ނުވާނެ.” ކާންސެލޯ ބުނެފައިވެއެވެ.

ކާންސެލޯ އިތުރަށް ބުނީ ޕޯޗުގަލް ޓީމަކީ އަބަދުވެސް ގިނަ ތަރިންތަކެއް އައިސް ގޮސް ހަދާ ޓީމެއްކަމަށެވެ. އެގޮތުން މީގެ ކުރިން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމަށް ކުޅެފައިވާކަން ފާހަގަކުރަމުން ކާންސެލޯ ބުނީ ލުއިސް ފީގޯ، ނޫނޯ ގޯމޭޒް، ކޮންސެސާއޯ އަދި ރުއި ކޯސްޓާ ފަދަކުޅުންތެރިންނަކީ ޕޯޗުގަލް ޓީމުގައި ނަން ވިދާލި މޮޅެތި ކުޅުންތެރިންކަމަށެވެ. އަދި ހަމަ އެގޮތަށް މިހާރުވެސް ، ޔާއޯ ފެލިކްސް، ރުބެން ނެވޭސް، ޑެނީލޯ، ޑަލޮޓް، އޮޓާވިއޯ، ރަފެއަލް ލެއާއޯ ފަދަ ކުޅުންތެރިން ޕޯޗުގަލް ޓީމުގައި އެބަތިބިކަން އޭނާ ފާހަގަކުރިއެވެ. އަދި މިހާރުތިބި ޒުވާން ކުޅުންތެރިންނަކީ ޕޯޗުގަލް ޓީމުގެ މުސްތަގުބަލް ކަމަށް ވެސް ކާންސެލޯ ބުނެފައިވެއެވެ.

ރޮނާލްޑޯއާއި ގުޅޭގޮތުން ކާންސެލޯ ދައްކާފައިވާ މި ވާހަތަކާއި ގުޅިގެން ރޮނާލްޑޯގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ނުރުހުންވެ، ފާޑުކިޔަމުންނެވެ.