English Edition
Dhivehi Edition
ފޮޓޯ: ރާއްޖެއެމްވީ

ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. ޤުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރެވެ. ހިދާޔަތުގެ މައްސަރެވެ.

أَبُوْ هُرَيْرَةَ رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. “މާތް ނަބިއްޔާ رَمَضَان މަހަށް ހަނދު ބެލުމުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އެމަހަށް މަރްޙަބާ ދަންނަވައި އެބޭކަލުންނަށް އުފާވެރި ޚަބަރު ދެއްވައި ޙަދީޘްކުރައްވައެވެ. “ތިޔަބޭކަލުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. اللهُ سُبْحَانَهُ وَتَعَالَى ވަނީ އެމަހުގައި ރޯދަ ހިފުން ފަރްޟެއްކަމުގައި ލައްވަވާފައެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި އެމަހުގައި ޝައިޠާނުންގެ މާރިދުން ކަސްތަޅު އެޅުވޭނެތެވެ. އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ.”

ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވެއެވެ. ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. މާތް ނަބިއްޔާ ޙަދީޘްކުރައްވާފައި ވެއެވެ. (اَلصَّوْمُ نِصْفُ الصَّبْرِ) މާނައީ: “ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ.”

ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމަކަށް ވާއިރު، ރޯދަވެރިޔާ ރޯދައަށް ހުންނައިރު ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ. މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައީ: “ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ اللّٰهُ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ.” ވީމާ، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.

ރޯދައަކީ އިސްވެ ދެންނުވުނު ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. މާތް ނަބިއްޔާގެ ބަސްފުޅެއްގެ މާނައިގައި ވަނީ “ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ، ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތައް ކުޅައުމަށް ނުވަތަ އަރައިރުންވެ ޖަދަލުކުރާނަމަ، ފަހެ ތިބާބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ.”

ދަންނާށެވެ! މިއީ ރަނުގެ ފުރުސަތެކެވެ. މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެވެ! މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ.

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންނެވެ. ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވާށެވެ! ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ.

 

މައުލޫމާތު: ހުކުރު ޚުތުބާ