ދިވެހިރާއްޖެއާއި ތުރުކީވިލާތާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެފަދައިން ވިދާޅުވީ ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އޮތްގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޓްވީޓެއްގަ. އެ ޓްވީޓްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގެންދަވަނީ ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގެ އެންބަސީއެއްވެސް ވަނީ އެގައުމުގައި ގާއިމްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ.
ތުރުކީވިލާތުގެ ރައީސަށް ރައީސް ޝުކުރު އަދާކުރެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫއޭވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ތިން ޔޫއޭވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށެވެ.
އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ގައުމުތަކާއެކު މުއާމަލާތްތައް ކުރެވެމުންދާކަން ވެސް ރައީސްގެ ވާހަކަފުޅުފައި ފާހަގަކުރައްވާފައިވެއެވެ.
ދިވެހިންނަށް ރޯދަ މަހާ ދިމާކޮށް ކާޑުގެ ބާވަތްތައް ބެހުމަށްވެސް ތުރުކީން ޝިޕްމަންޓެއް ގެނައުމަށް ރައީސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރޯދަ މަސް ފެށުނު އިރު އެ ޝިޕްމަންޓު ރާއްޖެއައިސްފައެއް ނުވެއެވެ. މިހެންކަމުން ދިވެހިންނަށް އެސްޓީއޯ މެދުވެރިކޮށް ބަހާފައިވަނީ އިންޑިއާއިން ގެނައި ކާޑުގެ ބާވަތްތަކެވެ. ދިވެހިރާއްޖޭގެ ކަނޑުމަސް ވެސް ތުރުކީއަށް އެކްސްޕޯޓު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތްވެސް އަދި މިހާތަނަށް ފައްޓަވާފައެއް ނުވެއެވެ. އަދި މަސް އެކްސްޕޯޓުކުރަން ފައްޓަވާނެ ދުވަހެއްވެސް ހާމައެއް ނުކުރައްވައެވެ.