English Edition
Dhivehi Edition

އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުޅުލެއާއި މާލެއާ ދެމެދު އަޅަމުންދާ ބްރިޖުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

މުއިއްޒު މިހެން ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ސީސީސީސީ ކުންފުންޏާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ. ބްރިޖު ހެދުމަށް ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތަކާއި ސްޓީލް މަސައްކަތްތައް ނިމި މުޅި ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ބުނެފައިވާ ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން ބްރިޖުގެ މަސައްކަތުގެ ކޮލިޓީ ބަލައި މޮނީޓަކުރަމުންދަނީ އަރުޕް ގުރޫޕުން ކަމަށާއި ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށްކަމަށެވެ. ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ބްރިޖަށް ހަރަދުވާނެ ކަމަށް ބެލެވެނީ 210 މިލިއަން ޑޮލަރު ކަމަށާއި މީގެ ތެރެއިން 191 މިލިއަން ޑޮލަރު ހަރަދުވާނީ ބްރިޖުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ކަމަށެވެ. އަދި ބްރިޖުގެ ޑިޒައިން މަސައްކަތަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ