English Edition
Dhivehi Edition
މޯލްޑިވްސް ޒަކާތު ހައުސް އިން މިދޔަ މަހު 7 ލައްކަ ރުފިޔާ ދޫކުރި

“މޯލްޑިވްސް ޒަކާތު ހައުސް” އިން މިދިޔަ ފެބްރުއަރީ މަހު ފަގީރުންނަށް އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި ޒަކާތު ހައުސްގެ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި ހަތްލައްކަ ސާޅީސް ހާސް އައްސަތޭކަ ފަސް ރުފިޔާ ދޫކޮށްފައިވެއެވެ. އެއީ ކެންސަރު ފަރުވާއަށް ދެ ލައްކަ ސާޅީސް ފަސް ހަސް ނުވަސަތޭކަ ސާޅީސް އަށް ރުފިޔާއެވެ. ހިތުގެ އޮޕަރޭޝަނަށް ސޯޅަ ހާސް ނުވަސަތޭކާ ފަސްދޮޅަށް ދެ ރުފިޔާ, ޓްރާންސްޕްލާންޓަށް ހަތްދިހަ ހަ ހާސް ތިންސަތޭކަ ނަވާވިސް ރުފިޔާ, ސިކުނޑީގެ އޮޕަރޭޝަނަށް , ސޯޅަ ހާސް ނުވަސަތޭޅަ ފަސްދޮޅަށް ދެ ރުފިޔާ, އެހެނިގެން ހަރަދުތަކަށް, ހަތަރު ލައްކަ ހަތްދިހަ ތިން ހާސް ހަތްސަތޭކަ ސާޅީސް ހަ ރުފިޔާ, އަދި ޒަރޫރީ އެހީގެ ގޮތުގައު ބާރަ ހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ ދޫކޮށްފައިވެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހު. އެ އިދާރާ ގާއިމުކުރެއްވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ ބޭނުމުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް މި މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.