English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވެސ ރައީސް ވަނީ ހަމަޖައްސަވާފައެވެ.

މިކަން އިޢުލާނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 07/2024 ނަންބަރު ދެންނެވުމުގައެވެ.

“ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.

ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުން މި އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

“ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ”އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ “ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ” އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ލިޔާ ސިޓީގައި ޖެއްސެވުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500އެވެ.