English Edition
Dhivehi Edition

ލ. ގަމުގައި މިހާރު ކުރިއަށް ދާ “ތުނޑީ ރަމަޟާން ކަޕް 1445” ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ކަންމަތި ނިއު ޖެނެރޭޝަން، ރަސްހިންނެ އެސްސީ އަދި ކިންގް އެސްސީ މޮޅުވެއްޖެއެވެ.

ރޭވެސް މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅުނު އިރު، އޭގެ ތެރެއިން ފުރަތަމަ މެޗަކީ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. އެއީ ކަންމަތި ނިއު ޖެނެރޭޝަން އަދި ބްލެކް ސްޓްރީޓް ގެ މެޗެވެ. މި މެޗު 0-6 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކަންމަތި ނިއު ޖެނެރޭޝަންއެވެ.

މި މެޗުގައި ކަންމަތިން މޮޅު ކުޅުމެއް ދައްކާ މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކުރިއިރު، މި މެޗުގައި ކަންމައްޗަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އަސްލާން ޝަކީބް، ޔޫސުފް ޒައުލް، އަޙުމަދު ސަޖުލް ޝުއައިބް އަދި އަޙުމަދު ރިޔާންއެވެ. މި މެޗުގައި އަހުމަދު ރިޔާން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ރިޔާންއެވެ.

ރޭގައި ކުޅުނު ފަހު ދެމެޗަކީ 16 އަހަރުން މަތީގެ ދެމެޗެވެ. އެގޮތުން ރޭގެ ފަހު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ރަސްހިންނެ އެސްސީ އާއި ބަންގްލާ ޓައިގާސްއެވެ. މި މެޗު 11-3 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރަސްހިންނެ އެސްސީންނެވެ. މި މެޗުގައި ރަސްހިންނެއަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނާއިލް ރަޝީދު، ހައިސަމް ރަޝީދު، އަހުސަން ރަޝާދު، ހަސަން ރަޝީދު، އިބުރާހިމް ހުސެއިން، އަލީ ޝާމް އަދި އަހުމަދު އަނަސްއެވެ. ބަންގަލާ ޓައިގާސް އަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަފްސަރް، މުޙައްމަދު އިޒްމީލް އަދި އަބުދުﷲ ޖަޒްލާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ރަސްހިންނެއަށް ހަތަރު ލަނޑު ޖަހައިދިން ހައިޝަމް ރަޝީދުއެވެ.

އަދި ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ބެސްޓް ބޯއީޒް އާއި ކިންގް އެސްސީއެވެ. މި މެޗު 6-5 ގެ ނަތީޖާއިން ބެސްޓް ބޯއީޒްގެ މައްޗަށް ކުރި ހޯދާފައިވަނީ ކިންގް އެސްސީންނެވެ. މި މެޗުގައި ކިންގް އަށް ލަނޑުތައް ޖަހައިދިނީ އަބުދުﷲ ފަރީޝް، މުޙައްމަދު ނިޒާމް، ޝިޔާން ޝާފިއު އަދި މޫސާ ހާނިމްއެވެ. މި މެޗުގައި ބެސްޓް ބޯއީޒް އަށް ލަނޑުތައް ޖަހައިދިނީ އިބުރާހީމް ހަނީފް، އިބުރާހީމް މާނިއު އަދި ހުސެއިން ރައޫފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ކިންގް އެސްސީއަށް ދެ ލަނޑު ޖަހައިދިން މުޙައްމަދު ނިޒާމްއެވެ.

މިރޭވެސް މި މުބާރާތުގެ ވަރަށް ފޯރިގަދަ ތިން މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުތަކުގެ ކުޅުންވެސް ފަށާނީ 9:30 ގައެވެ. މިރޭގެ ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. 9:30 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ރަސްހިންނެ ބާބާ އެސްސީ އާއި އައުޓްރީފް ޖޭއާރެވެ.

މިރޭ ކުޅެން ހަމަ ޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް އެސްސީ އާއި ކަންމަތި އެސްސީއެވެ. ގުރޫޕް އޭގައި ހިމެނޭ އައުޓްރީފް އެސްސީ އަދި ކަންމަތި އެސްސީން މިރޭގެ މެޗަށް ނުކުންނައިރު، މިއީ މި މުބާރާތުގެ ގުރޫޕް މަރުހަލާގައި މި ދެޓީމުން ވެސް ކުޅޭ ދެވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ މެޗުގައި އެފްއެމް އެސްސީއާއި ވާދަކޮށް ކަންމަތި އެސްސީ މޮޅުވީ 2-7 ގެ ނަތީޖާއަކުންނެވެ. އަދި އައުޓްރީފް އެސްސީ ފުރަތަމަ މެޗުގައި ވައިއާރުސީ އާއި ވާދަކޮށް މޮޅުވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ފަހުމެޗުގައި ބައްދަލުކުރާނީ ފޮއެމަތި އެސްސީ އާއި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ. މިރޭ 11:30 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި މެޗަށް ފޮއެމަތި އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ނުކުންނައިރު، މި ދެޓީމުންވެސް ވަނީ މުބާރާތުގައި މިހާތަނަށް އެއް މެޗު ކުޅެފައެވެ. މުބާރާތުގެ ގުރޫޕް މަރުހަލާގެ ފުރަތަމަ މެޗުގައި ފޮއެމަތި އެސްސީން ބައްދަލުކުރީ ބެސްޓް އާއެވެ. މި މެޗުން ފޮއެމަތި އެސްސީ ބަލިވީ 0-14 އިންނެވެ. މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއިން ގުރޫޕް މަރުހަލާގައި ކުޅުނު ފުރަތަމަ މެޗުގައި ބިގް ޝޮޓްސް އާއި ވާދަކޮށް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.