English Edition
Dhivehi Edition
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް

އެއާ އެމްބިއުލާންސްގެ ސީޕްލޭންގެ ހިދުމަތް ފެށުމުން އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޑީ.އެޗް.ސީ 6 “ޓުވިން އޮޓާރ” ސީޕްލޭނުން ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިއީ ސިއްހީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓާ ދުރުގައި ހުންނަ ރަށްރަށުން ނުވަތަ އެއާޕޯޓު ނެތް ރަށްރަށުން ބަލިމީހުން އުފުލުމަށް ޚާއްޞަކޮށް ތައްޔާރުކޮށް، އެއާ އެމްބިއުލާންސް ސީ ޕްލޭން މިއަދު ވަނީ ބޭނުންކުރަން ފަށާފައިއެވެ.

މިސަރުކާރުން ސިއްހީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެ ހިދުމަތް ފެށުމަށް ފުރަތަމަ ބޭނުންކުރަން ފެށީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި އެއްގަމަށް ޖައްސާ މަތިންދާބޯޓެއްގެ އިތުރަށް ސީ-ޕްލޭނެއް ބޭނުންކުރަން ނިންމާފައިވާކަން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. ސީ-ޕްލޭނުގެ ބޭނުމަކީ އެއާޕޯޓެއް ނެތް ރަށްރަށާއި އެއާޕޯޓުތަކާ ދުރު ރަށްތަކުން ބަލިމީހުން އުފުލުންކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ސީ-ޕްލޭނާއި ޑޭޝް މަތިންދާބޯޓުގައިވެސް ބަލިމީހުންނަށް ކުއްލި ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ހަރުކޮށްފައި ހުންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ އުޅަނދުތައް ބޭނުންކުރަން ފެށުމުން ބަލިމީހުން އުފުލުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

އަލަށް ފެށޭ އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ޓްރެއިންކުރެވިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް ހަރަކާތްތެރިވާނެއެވެ. އެޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

އެއާ އެމްބިއުލާންސް ތައާރަފުކޮށް ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ ޚިދުމަތް ފަށައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.