English Edition
Dhivehi Edition

މާތްﷲ ތަޢާލާ ވަޙީ ކުރައްވަ އެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} [البقرة:183] މާނައީ؛ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

ހަރުގެ މަސްތަކުގެ ތެރެއިން ފުރިހަމަ އެއްމަސް ރޯދަހިފުމުގައި ހޭދަކުރަނީ ހަމައެކަނި އެންމެ ޞިފައެއްގެ މައްޗަށް މީހާ ހޭނެވުމަށްޓަކައިކަމަށް ޓަކައެވެ. އެއީ ތަޤުވާގެ މައްޗަށް މީހާ ހޭނެވުމަށެވެ.

މާމް ޢަލީ (رضي الله عنه) ވިދާޅުވެފައިވެއެވެ. “التقوى هي: الخوف من الجليل، والعمل بالتنزيل، والرضا بالقليل، والاستعداد ليوم الرحيل” މާނައީ: “ތަޤުވާއަކީ ޖަލީލުވަންތަ އިލާހަށް ބިރުވެތިވެ، ބާވައިލެއްވުނު ފޮތަށް ޢަމަލުކޮށް، ލިބޭ މަދު އެތިކޮޅަށް ރުހިގެން، މަރުވާނެ ދުވަހަށް ތައްޔާރުވުމެވެ.” موسى بن أعين ވިދާޅުވެފައިވެއެވެ. “ތަޤުވާވެރިންނަކީ އެބައިމީހުންނަށް ޙަލާލުވެގެންވާ ކަންކަމުގެ ތެރެއިން ބައެއްކަންކަމާ ޙަރާމްގެ ތެރެއަށް ވާޞިލުވެދާނެތީ ދުރުވާ މީހުންނެވެ. މިސަބަބަށްޓަކައި މާތްﷲ އެބައިމީހުންނަށް މުއްތަޤީންގެ ނަންދެއްވިއެވެ.”

އަހަރުމެން ރަމަޟާންމަހުގެ ދުވާލު ތަޙައްމަލުކުރާ ހައިހޫނުކަމާއި ކަރުހިއްކުމުގެ ތެރެއިން ކެއުމާއި ބުއިމަށްވުރެ ހެޔޮވެގެންވާ ކޮއްތެއް ލިބިގަންނަމުއެވެ. އެއީ ތަޤުވާއެވެ. ސިއްރާއި ފާޅުގައި މާތްﷲއަށް ތަޤުވާވެރިވުމެވެ. އަދި އެތަޤުވާވެރިކަމުގެ ސަބަބުން އަހަރެމެންގެ ލޯތައް ކުރިމަތީގައި ފާފައިގެ މަގު ހަނޑިމުޑުދާރު މަގެއްކަމުގައި ވެދެއެވެ. އެއީ ތަޤުވާގެ ނޫރެވެ. އެނޫރާމެދުގައި طلق بن حبيب رحمه الله ވިދާޅުވިއެވެ. “التقوى أن تعمل بطاعة الله على نور من الله ترجو ثواب الله، وأن تترك معصية الله على نور من الله تخاف عقاب الله” މާނައީ: “ތަޤުވާއަކީ ތިބާ މާތްﷲއަށް ކިޔަމަންތެރިކަމާއެކު ޢަމަލުކުރުމެވެ. އެއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ދަރުމައަށް އުންމީދުކުރާށެވެ. އަދިﷲއަށް އުރެދުން ދޫކޮށްލުމެވެ. އއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ޢަޛާބަށް ބިރުވެތިވާށެވެ.”

ރަމަޟާން މަހަކީ ތަޤުވާވެރިންނަށް އެކަނި ޚާއްޞަވެގެންވާ ނިކަން މަތިވެރި ފުރުޞަތެކެވެ. ނުބައިކަންކަމުގެ އާރުކާޓީން ހިލަހިލާ އެޅިފައެވެ. ސާވާބާއި ދަރުމައިމެއް މިނެއްނެތި އޮހެނީއެވެ. ލައިލަތުލް ޤަދުރިއާއި ފަހުދިހައިގެ ރޭތަކަށް ޚާއްޞަ ހަނދިޔާތަކެކެވެ. އެތަނެއްގެ މަތިވެރިކަން އިންސާނެއްގެ ހިތަށް ގެންނަން ނުކުޅެދޭ، އަދި ލޮލަކަށް އެތަނުގެ ރިވެތިކަން ފެނިފައިނުވާ، ކަންފަތަކަށް އަޑުއިވިފައިނުވާ ނިޢުމަތްތައް އެތަނެއްގައިވާ، އުޑުތަކާއި ބިންތަކަށްވުރެ ތަނަވަސް ސުވަރުގެ ލިބިގަނެ އެތަނުގައި ދާއިމުވުމަށް ލިބޭ މިފުރުޞަތު ނަގައިނުލާށެވެ.

ހަމައެކަނި ތަޤުވާވެރިންނަށެވެ. އެބައިމީހުންނަކީ ހެޔޮ ގޮތުގައި ރަމަޟާންމަހުގެ ބޭނުން ހިފި މީހުންނެވެ. އެމަހުގެ ދުވާލު ރޯދަހިފައެވެ. އަދި ރޭގަނޑުގައި ދަމުއަޅުކަމުގައި މަޝްޣޫލުވެގެން އުޅެއެވެ. އެބައިމީހުންގެ މިޢަމަލުތަކުގައި މާތްﷲގެ ރުހިވޮޑިގަތުން ފިޔަވައި އިތުރުކަމަކަށް ނޭދެއެވެ. މާތްﷲ އެފަދަ މީހުންނާމެދު ވަޙީކުރައްވާފައިވެއެވެ. {وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ . هَذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ . مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ. ادْخُلُوهَا بِسَلامٍ ذَلِكَ يَوْمُ الْخُلُودِ} [سورة ق: 31- 34] މާނައީ؛ އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ. (އަދި އަންގަވާނެތެވެ.) މިއީ ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ. (އެކަންއޮތީ) اللَّه ގެ حضرة އަށް ގިނަގިނައިން رجوع ވާ، އަދި އެކަލާނގެ عهد ތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ. (އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. (تقوى ވެރިންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން أمان ކަމާއެކު އެ ސުވަރުގެޔަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.

ތިބާގެ ކިބައިގެން އޮފީހުގެ ވެރިޔާ ކަމެއް ކުރަން އެދިއްޖެނަމަ، އެކަމެއް އެންމެ ރަނގަޅަށް ކުރެވޭތޯ ބަލާނެއެވެ. އަދި އެއަށްވުރެ މަތީވެރިޔަކު ކަމެއް ކުރަން އެދިއްޖެނަމަ، ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ ބަލާނެއެވެ. އެހެން ހުއްޓައި ވެރިމީހާ އައިސް ތިބާގެ ކުރިމަތީގައި ހުރެ، ތިބާގެ މަސައްކަތް ބަލާނަމަ، އަދި އިހުނަށްވުރެ ސަމާލުކަންދީގެން އެކަމެއް ކުރާނެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.

ތިބާގެ ޙަޔާތުގައި މާތްﷲއަށްވުރެ މަތިވެރި، އެކަލާނގެއަށްވުރެ އިސްވާނެ ފަރާތެއްވޭތޯ ސުވާލުކޮށްފިނަމަ ޖަވާބަކީ ނޫނެކެވެ. އެއްހާސްފަހަރުވެސް ނޫނެކެވެ.

އެހެންކަމަށްވާނަމަ، އެކަލާނގެ ތިބާއާ ކަމެއް ޙަވާލުކުރެއްވުމަށްފަހު، އެކަމަކަށް ބައްލަވާވޮޑިގަތުމާއި ޖަޒާދެއްވުން ސީދާ އެކަލާނގެ ޒާތުފުޅަށް ޚާއްޞަކުރައްވައިފިނަމަ، އެކަމެއް އަދާކުރުމުގައި ތިބާގެ މަސައްކަތުގެ ވެރިޔާގެ އެދުނުކަންތައް ކުރުމަށް ދިން އަހައްމިއްޔަތަށްވުރެ، ހާސްގުނަ ބޮޑު އަހަންމިއްޔަތުކަމެއް ދޭނަމުހެއްޔެވެ؟ މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ޤުދުސިއްޔަ ޙަދީސެއްގައި، މާތްﷲ ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ޙަދީސްކުރެއްވިއެވެ. “قَالَ اللَّهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِى بِهِ” [متفق عليه] މާނައީ؛ “މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިއާކުރާ ހުރިހާ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. ރޯދަ ޚާއްޞަވެގެން ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އެރޯދައަށް ހެޔޮ ޖަޒާދެއްވާނަމުއެވެ.” މިމުހިއްމު ވާޖިބު އަދާކުރުމުގެ ޝަރަފު މާތްﷲ ތިބާއަށް ދެއްވައިފިއެވެ. ތިބާ އެވާޖިބު އަދާކުރާނީ ކިހިނެއްހެއްޔެވެ؟ މާތްﷲ މިހާރު ތިބާއަށް ބައްލަވާވޮޑިގެންވެއެވެ. ތިބާ އެވާޖިބު އަދާކުރާނީ ކިހިނެއްހެއްޔެވެ؟ ތިބާގެ ޢަމަލުތަކުން ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ފާއިތުވަމުންދަނީ މާތް ﷲ އެޢަމަލުތަކަށް ބައްލަވާވޮޑިގެންވަނިކޮށެވެ.

 

މައުލޫމާތު: ތިލަފަތުގެ ދަރުހަކުން