English Edition
Dhivehi Edition
ފޮޓޯ: އަދަދު ނޫސް

އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން ބަލިކޮށް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ތަށި ބ. އޭދަފުށިން އުފުލާލައިފިއެވެ.

ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ގަމުގެ މައްޗަށް އޭދަފުށިން ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އޭދަފުށިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައިފަ ލީޑު ހޯދާފައެވެ. އެ ޓީމުން ލީޑުނެގީ ހިލޭޖެހުމެއްގައި މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ލަނޑުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން ފާއްޓެ ވަަނީ އޭދަފުށްޓަށް ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.

އޭދަފުށިން ދެ ލަނޑުޖަހައި ލީޑު ފުޅާކުރިތާ ގިނައިރުތަކެއް ނުވެ ގަމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ، މި ލަނޑު ޖެހީ، ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެން ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މި ނަތީޖާއާއި އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން އޭދަފުށީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެ ވަަނަ ހާފު ފަށައިގެން ގަމުން ރަނގަޅަށް ކުޅުނުއިރު، އެޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް(އޮންލީ) އަށް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވިއެވެ. ނަތީޖާ އަކަށްވީ އޭދަފުށްޓަށް ލިބުނު ހިލޭޖެހުމެއްގައި އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް ތިން ވަނަ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ފުޅާކުރުމެވެ.

މެޗުގެ ފަހު ހާފު ނިމެން ގާތްވެފައި ވަނިކޮށް ގަމަށް އުންމީދެއް ލިބުނެއެވެ. އެއީ އޭދަފުށީގެ ފަސް ފައުލް ހަމަވެ، ދުރުޕެނަލްޓީއަކަށް ފުރުސަތު ތަނަވަސްވުމުންނެވެ. އެގޮތުން ގަމަށް ވަނީ ދުރުޕެނަލްޓީއެއް ވެސް ލިބިފައެވެ. މި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ގަމުން އަނެއްކާވެސް ފަރަގު ކުޑަކުރިއެވެ. ގަމަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ)އެވެ. ގަމުން ދުރު ޕެނަލްޓީގައި ގޯލެއް ޖެހިތާ ސިކުންތުކޮޅެއްގެ ތެރޭގައި ސެންޓޭ ވަނީ އޭދަފުށްޓަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ 2-4 އަށް ބަދަލުކޮށްލާފައެވެ. މެޗު ނިމިގެން ދިޔައީ މި ނަތީޖާގައި އޭދަފުށި ޓީމު ކުރީގައި އޮވެގެންނެވެ.

ބ. އޭދަފުށި ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި އުފުލާލިއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދި ޓޯނަމަންޓް) ލިބުނީ އޭދަފުށީގެ އިޝާން އިބުރާހީމް (ޝައްޓު) އަށެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އއ. މަތިވެރި ޓީމުގެ އަލީ އަލްސަންއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަޤާމު ހޯދީ ފ. ބިލެއްދޫ ޓީމުގެ މުޙައްމަދު ޒީދާން ޒުހުރީއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން ނަށް ހޮވިފައިވަނީ އޭދަފުށީގެ އިޝާން އިބުރާހީމް، ހައިޝަމް ހަސަން، އަބްދުﷲ ނާސިހް، ގަމު ޓީމުގެ އަލީ ޝާމިސް އަދި ހުސެއިން ޝަރީފް އެވެ.