English Edition
Dhivehi Edition

ރަމަޟާން މަހަކީ މުޅި އަހަރުގައި ކުރެވިފައިވާ ކުށްފާފަތައް ފޮހެލުމަށް ލިބޭ ވަރަށް މަތިވެރި، ރަނުގެ ފުރުސަތެވެ. ނަފުސު ތޯހިރުކޮށްލުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ. އެހެން ކަމުން އެ މަހާއި ބައްދަލުވުމުގެ ފުރުސަތު ލިބޭތޯ ގިނަގިނައިން ދުޢާކުރާށެވެ. އަދި އެމަހާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެކަމާއި އުފާކުރަން ޖެހޭނޭ ކަމެކެވެ. ސަބަބަކީ އެފަދަ މަތިވެރި، ގިނަގުނަ ސަވާބާއި ދަރުމައިގެ މައްސަރަކަށް ރަމަޟާން މަސް ވުމެވެ.

މާތްﷲ سبحانه وتعالى ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށް ވެސް ޚާއްޞަ އަދި ބޮޑު ނިޢުމަތެއްކަމުގައި މި މަސް އޭނައާ ބައްދަލުކުރުން ވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. ﷲ سبحانه وتعالىގެ ރަޙުމަތް އޮއްސައިލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

މި މަތިވެރި މަހާ ބައްދަލުވާތީ އެކަމާ އުފާ ކުރުމަކީ ކޮންމެ ހިތު ތެރެއަށް ގެންނަން ޖެހޭ ޝުޢޫރެކެވެ. އެކަމުގެ ސަބަބުން މި މަހަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރުމުގެ ޝައުޤު އުފެދިގެން ދާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.