މިއަދަކީ ރާއްޖެ ފުޓްސަލް ގައި ބޮޑު ދުވަހެކެވެ. ރާއްޖޭގެ ތާރީޚުގައި ކުޅޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށް ވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޖެލެންޖް 2024 ގެ ފައިނަލް މެޗު ކުޅޭ ދުވަހެވެ. ރާއްޖޭގެ ރައްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރިއިރު، 300 އަށް ވުރެ ގިނަ މެޗު ވަނީ ކުޅެފައެވެ.
ކޮންމެއަކަސް ރާއްޖޭގެ އެކި ރައްތަކުން، 129 ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލާއި ހަމައަށް މިވަނީ އާދެވިފައެވެ. މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، ފައިނަލުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށް ވާ ލ. ގަން އަދި ފުޓްބޯޅައިގެ ބޮޑު ތާރީޚެއް އޮންނަ އެއް ރަށް ކަމުގައިވާ ބ. އޭދަފުއްޓެވެ.
މުބާރާތުގެ ފައިނަލުގައި ވާދަކުރާ ލ. ގަމާއި ބ. އޭދަފުއްޓަށްވެސް މިއަދަކީ ފުޓްބޯޅައިގެން ބޮޑު ދުވަހަކަށް ވާއިރު، ދެ ޓީމުންވެސް ވަނީ މި މެޗަށް ވަރަށް ވަރުގަދައަށް ތައްޔާރީތައް ވެފައެވެ.
މީގެކުރިން މުޅި ރާއްޖެއަށް ހުޅުވާލައިގެން 2016 ވަނަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށިން މިރޭގެ ފައިނަލް މެޗަށް ނުކުންނައިރު، އެޓީމުގެ އެންމެ މުހިންމު އެއްބަޔަކީ ސަޕޯޓަރުންކަމާއި މެދު ޝައްކެއްނެތެވެ. ކޮންމެ ޓީމަކަށް ވެސް ސަޕޯޓަރުން ވަނީ މެޗެެއް ކާމިޔާބު ކުރުމަށް މުހިންމު ދައުރެއް އަދާ ބައަކަށެވެ.
ކަން މިހެން އޮތްއިރު، އޭދަފުށީ ފުޓްސަލް ޓީމުން އެދޭ އެންމެ ބޮޑު އެދުމަކީ މިރޭގެ މެޗަށް ރަށުގެ ވީހާވެސް ގިނަ ސަޕޯޓަރުން އައިސް މުޅި ދަނޑު ފުރާލަދިނުމެވެ. މިރޭ އޭދަފުށީ ޓީމު ތައްޓަށް އަމާޒު ހިފައިގެން އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި ދެކޮޅަށް ނުކުންނައިރު ޓީމުން އެދެނީ މުޅި ރަށުގެ ސަޕޯޓަށެވެ. އޭދަފުށީ ޓީމުގެ ކުޅުންތެރިން ޔަގީންކުރާ ގޮތުގައި، ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއި ތަރުހީބެވެ. އަދި ސަޕޯޓަރުންނަކީ ޓީމުގެ އެންމެ ބޮޑު ހިތްވަރުކަމުގައެވެ.
އޭދަފުށީ ޓީމުން ޔަގީންކުރާ ގޮތުގައި މިއީ ޓީމަށް އެންމެ ބޮޑަށް އެއްބާރުލުން ދީ އޭދަފުށީ ރައްޔިތުން އެކުގައި ތިބެންވީ ވަގުތެވެ. އެހެން ކަމުން ޓީމުން އެދެނީ އޭދަފުށީ ސަޕޯޓަރުންގެ ފަރާތުން އެކަން ވަރަށް ފުރިހަމައަށް ދައްކުވައިދިނުމަށެވެ.
މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ފައިނަލް މެޗު ފަށާނީ 9 ޖަހާއިރު އެވެ. އެކަމަކު ވީހާވެސް އަވަހަށް ދަނޑު ސަރަހައްދަށް ގޮސް ޓީމަށް ސަޕޯޓް ދިނުމުގެ ތައްޔާރީތައް ވާން ޓީމުން އެދެ އެވެ.