ސައުދީ ކުލަބް އަލް-ނަޞްރުގެ ފޯވަޑް އެންޑަސަން ޓަލިސްކާއަށް އަނިޔާވެ ސީޒަންގެ ބާކީ ބައިގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ތަލިސްކާއަށް އަނިޔާވީ ނިމިދިޔަ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު، ސައުދީ ލިީގުގައި އަލް ހަޒެމްއާއި ދެކޮޅަށް އަލް ނަޞްރު ކުޅެ 4-4 އިން އެއްވަރުވި މެޗުގައި އޭނާގެ ކަނާތު ފަލަމަސްގަނޑަށެެވެ.
ޓަލިސްކާގެ އަނިޔާއާއި ގުޅިގެން އޭނާއަށް ސީޒަން ނިންމާލަން ޖެހުނުކަން ކަށަވަރުވީ ހެދި މެޑިކަލް ޓެސްޓުތަކަށް ފަހު ލިބިފައިވާ އަނިޔާ ހީކުރިވަރަށް ވުރެ ސީރިއަސް ވުމުންނެވެ. އޭނާއަށް ސީޒަންގެ ބާކީ ބައި ނުކުޅޭނެ ކަން ރަސްމީކޮށް އިއުލާނު ކުރީ އަލް ނަޞްރުން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޓަލިސްކާގެ އަނިޔާއާ ގުޅިގެން ވާހަކަ ދައްކަމުން އަލް ނަޞްރުގެ ކޯޗު ލުއިސް ކާސްޓްރޯ ބުނީ ކުރިޔަށް އޮތް ސީޒަނަށް ޓަލިސްކާ އެއްކޮށް ފިޓުވެ، ކުޅުމުގެ ތެރެއަށް އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ. އަދި މި ސީޒަނުގައި ޓަލިސްކާ ފެނިގެން ނުދިއުމަކީ ކުލަބަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނޭކަމެއް ކަމަށެވެ.
ޓަލިސްކާގެ އަނިޔާގެ މައްސަލައާއި ގުޅިގެން އަލް ނަޞްރަށް މި ސީޒަނުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށް ބެލެވޭއިރު، އެންމެ ފަހުން އޭފްސީ ޗެމްޕިއަންސް ލީގުގެ ކުޢާޓާގައި އަލް އައިން އާއި ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފައެވެ.
އަނިޔާގެ ސަބަބުން ޓަލިސްކާ އަށް ސީޒަންގެ ބާކީ އޮތް ބައި ނިމުނުއިރު، އޭނާ ބުނީ އަނިޔާ އަކީ ކުޅިވަރުގެ ބައެއް ކަމަށާއި، އަންނަ ސީޒަނަށް އެނބުރި އަންނާނީ ވަރުގަދަކޮށްކަމަށެވެ. އަދި މި ސީޒަނުގައި ކުރިއަށް އޮތް މެޗުތަކުގައި އަލް ނަޞްރުން ކާމިޔާބީއަށް ކުރާ މަސައްކަތުގައި ކުލަބުގެ ސަޕޯޓަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނޭ ކަމަށް ވެސް ޓަލިސްކާ ބުނެފައިވެއެވެ.
ޓަލިސްކާ އަށް އަނިޔާވެ ސީޒަން ނިންމާލަން ޖެހުނުއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް އަލް ނަޞްރަށް ކުޅެދިން 17 މެޗުގައި 16 ލަނޑު ޖަހައިދީފައެވެ.