English Edition
Dhivehi Edition
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަނިމާދޫއިން އަތުލައިގަތް މަސްތުވާތަކެތި /ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން، ގެންގޮސްފައިވާ 125 ކިލޯގެ މަސްތުވާތަކެތި ހުރި ނަމަވެސް ދޫނިދޫގައި އިއްޔެ ނައްތާލީ 103 ކިލޯގެ މަސްތުވާތަކެއްޗެވެ. ފުލުހުން ބުނީ ނައްތާ ނުލެވި ބާކީ ހުރީ 21 ކިލޯގެ ޑްރަގްކަމަށެވެ. އިއްޔެ ފުލުހުން ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހެރޮއިން އާއި، ކެނަބިސް އަދި ކޮކެއިން އެވެ. މީގެއިތުރުން މެތް، ކެނިނޯން، ކެޓަމިން އަދި އެލްއެސްޑީވެސް ހިމެނެއެވެ.

އިއްޔެ ފުލުހުން 958 މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ނައްތާލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 8،293 ރަބަރު ޕެކަޓާ، 2،731 ސެލޯފިންކޮޅާ، 237 ފިލްމު ހުސްކުރި ދަޅާ، 585 ބުލެޓާއި، 30 ބިޑި ހިމެނެއެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެކި ބާވަތްތައް އަޅާފައި ހުރި ސާމާނު އަތުލައިގަނެފައިވެއެވެ.

ޑްރަގްސް ނައްތާލުމުގައި ގެންގުޅޭ އުސޫލަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސް ތެރެއިން އެ މައްސަލައެއް ތަހުގީގުކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމްކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑްރަގް ނައްތާލަންޖެހެއެވެ.