English Edition
Dhivehi Edition

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެއް މެޗަށް ސަސްޕެންޑްކޮށް، 10،000 ސައުދީ ރިޔާލުން ޖޫރިމަނާކޮށްފިއެވެ.

ސައުދީ ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންމެ ފަހުން އަލް ނަޞްރާއި އަލް ޝަބާބް ބައްދަލުކުރި މެޗަށް ފަހު ކުޅިވަރުގެ ރޫހާއި ޚިލަފު އަމަލެއް ހިންގާފައިވާތީ އެކަން ތަހުގީގު ކޮށް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި އޭނާ އަށް އެޅި ފިޔަވަޅަކީ އެއް މެޗަށް ސަސްޕެންޑް ކުރުމާއި 10،000 ސައުދީ ރިޔާލުން ޖޫރިމަނާކުރުން ކަމަށެވެ.

އަދި ރޮނަލްޑޯ އަށް ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އެފަދަ ފިޔަވަޅެއް އަޅަން ނިންމާފައި ވަނީ ލީގުގައި އެންމެ ފަހުން އަލް ޝަބާބު އާއި ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗަށް ފަހު، އަލް ޝަބާބުގެ ސަޕޯޓަރުނާއި ދިމާލަށް އިޝާރާތްކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައި ވާތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސާފް ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރޮނާލްޑޯއަށް އެ ކޮމިޓީން ފިޔަވަޅު އަޅާފައި ވާނީ އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލައި ތަހުގީގު ކުރުމަށް ފަހުގައިކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޮނާލްޑޯ އަށް އަދަބު ދީފައިވާއިރު، އަލް ޝަބާބް އަށް ވެސް އެ ކޮމިޓީން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން 20،000 ސައުދީ ރިޔާލުން އަލް ޝަބާބް ވަނީ ޖޫރިމަނާކޮށްފައެވެ.

ސައުދީ ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ނިންމި މި ނިންމުމާއި އެކު ލީގުގައި ކުރިޔަށް އަލް ހަޒަމް އަދި އަލް ނަޞްރު ބައްދަލު ކުރާ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ޝަބާބު އާއި ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.