English Edition
Dhivehi Edition

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަޚްލާގީ މައްސަލައެއް ބަލާ ތަހުގީގުކުރަމުން އަންނަކަމަށް ސައުދީއަރަބިއްޔާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން ރޮނާލްޑޯގެ އަޚްލާގީ މައްސަލައެއް ބަލަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ރޮނާލްޑޯގެ މި މައްސަލައަކީ ސައުދީ ލީގުގައި އެންމެ ފަހުން އަލް ޝަބާބް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު އެ ޓީމުގެ ސަޕޯޓަރުނާއި ދިމާލަށް އިޝާރާތްކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގި މައްސަލައެއް ކަމަށް ރިޕޯޓުގައިވެއެވެ.

އަދި މި މައްސަލައާއި ގުޅިގެން ރޮނާލްޑޯ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުކަމަށާއި މި ސަސްޕެންޝަނަކާއި އެކު ބޮޑު ޖޫރިމަނާއެއް ވެސް ރޮނާލްޑޯގެ މައްޗަށް އަތުވެދާނެކަމަށް ވަނީ ބެލެވިފައެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ޝަބާބު އާއި ދެކޮޅަށް އަލް ނަސްރު ކުޅެ 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށް ފަހު އަލް ޝަބާބުގެ ސަޕޯޓަރުންނާއި ދިމާއަށް އިޝާރާތްކޮށް ކުޅިވަރުގެ ރޫހާ ހިލާފު މި އަމަލު ހިންގާފައިވަނީ ރޮނާލްޑޯއާއި އެންމެ ވާދަވެރި ލޮއޮނެލް މެސީގެ ނަމުން ގޮވައި ޖެއްސުން ކުރުމުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލާގައި ރޮނާލްޑޯއަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ކުރިއަށް އޮތް ދެމެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ކުރިއަށް ދެން އޮތީ ސައުދީ ލީގުގައި މިހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ހަޒަމް އާއި ދެކޮޅަށް ކުޅޭ މެޗާއި އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަަމަ ލެގުގައި ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށް އަލް ނަސްރު ކުޅޭ މެޗެވެ. މި ދެ މެޗު ރޮނާލްޑޯއަށް ގެއްލޭނެއެވެ.