English Edition
Dhivehi Edition

އައްޑޫސިޓީގައި ކުށްމަދުކުރުމާބެހޭ ގޮތުން އައްޑޫސިޓީކައުންސިލުން ފުލުހުންނާ މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކޮށްފައިވަނީ ސިޓީކައުންސިލުގެ އައު މެންބަރުން ފުލުހުންނަށް ތައާރަފްވުމަށްޓަކައި ސިޓީކައުންސިލްގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސިޓީކައުންސިލާއި ފުލުހުންވަނީ ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި، ވައްކަންކުރުމާއި، މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލަތައް ސިޓީގައި ހުއްޓުވުން ނުވަތަ މަދުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ “އައްޑޫސިޓިއަކީ އަމާން ރައްކާތެރި ސިޓީއަކަށް ހެދުމަށް ފުލުހުންނާއި ސިޓީކައުންސިލް ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު” ކަމަށެވެ. އެ ބައްދަލުވުން ވެގެންދިޔައީ ވަރަށްކާމިޔާބު ބައްދަލުވުމަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެބައްދަލުވުމުގައި އައްޑޫސިޓީ ޕޮލިހުގެ ވެރިންނާއި ސިޓީގެ ކައުންސިލަރުންގެ އިތުރަށް ޒިންމާދާރުވެރިޔާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.