English Edition
Dhivehi Edition

އާމިރު ޚާންގެ ފިލްމު ކުންފުނިން 2016 ވަނަ އަހަރު އުފެއްދި ފިލްމު “ޑަންގަލް” އިން ކުޑަކުއްޖެގެ ރޯލުން ފެނުނު، ސުހާނީ ބަޓްނާގަރު (ބަބީތާ)މަރުވެއްޖެއެވެ.

އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާ ގޮތުން އުމުރުން 19 އަހަރުގެ ސުހާނީ މަރުވެފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ޑަމަޓޮމައިއަސައިޓިސްއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ސުހާނީގެ ބައްޕަ އާއި ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނީ ސުހާނީއަށް މި ބަލިޖެހިފައިވާކަން ވެސް އެނގުނީ މީގެ ދެމަހެއްހާ ދުވަސްކުރިން ކަމަށެވެ. އަދި މަދު ދުވަސްކޮޅެއްގައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ދެރަވެފައިވާކަމަށާ އޭނާގެ ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭ ހަށިގަނޑު އިންފެކްޓުވެ އޭގެ އަސަރު ފުއްޕާމެއަށް ކޮށްފައިވާ ކަމަށް ސުހާނީގެ ބައްޕަ ވަނީ ބުނެފައެވެ.

ސުހާނީގެ ހާލު ވަރަށް ދެރަވެ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާއިރު، މި ހަބާރާއެކު އާމިރުގެ ފިލްމު ކުންފުނިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އާމިރު ޚާންގެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުހާނީއާ ނުލާ “ޑަންގަލް” ފުރިހަމަނުވާނެ ކަމަށާއި ސުހާނީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމުގައެވެ.