English Edition
Dhivehi Edition
ފޮޓޯ: އުރިދޫ

އުރީދޫ މޯލްޑިވްސް އިން އިންވެސްޓުކޮށްގެން ރާއްޖެ ގެނައި ބައިނަލްއަގުވާމީ “ޕީސް ކޭބަލް” ކުޅުދުއްފުއްޓަށް އެއްކަންކޮށް، އެ ރަށުގައި ހުންނަ އުރީދޫގެ ސައިޓާ ގުޅާލައިފިއެވެ.

މި ޕީސް ކޭބަލް ގުޅާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވަނީ އުރީދޫ މޯލްޑިވްސްއަށް ޝުކުރު ދަންނަވާފައެވެ.

އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މި ކޭބަލާއެކު އުރީދޫއިން ދޭ ހިދުމަތްތައް އެތައް ގުނައަކަށް ރަނގަޅު ވެގެން ދާނޭކަމަށާއި ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕު ތަކުގައި ހިމެނިގެން ދާނެކަމަށެވެ.

ކުޅުދުއްފުށީގައި މިއަދު މި ގުޅާލި ޕީސް ކޭބަލަކީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. އުރީދޫ އިން ބުނީ މި ކޭބަލްގެ ސަބަބުން ހިދުމަތުގެ ލޭޓަންސީއާއި ކެޕޭސިޓީ އިތުރުވާނެ ކަމަށެވެ. އަދި މި ކޭބަލާއެކު އެކު 5 ޖީ ގެ ގާބިލުކަން އިތުރުވާނެ ކަމަށާއި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ޓެގު