ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންވެސްޓަރުންނަށް ދެއްވައިފިއެވެ.
ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ” ގައި ތަގުރީރުކުރައްވަމުން މުއިއްޒު ވިދާޅުވީ, ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެ ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށެވެ.
“ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދެން. އަދި މި ސަރުކާރުގެ ތަރައްގީގެ ފަލްސަފާއަކީ ގުޅުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި އަދި ނަތީޖާ ނެރެދިނުމަށް އަމާޒުހިފާފައިވާ ފަލްސަފާއެއް,” -ރައީސް މުއިއްޒު-
މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފަހި ކަންތައްތަކެއް ހިމެނޭހެން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުތަކުގެ ވިއުގަތައް އަލުން ހިނގައިގަންނަ ގޮތް ހަމަޖައްސަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމުގައި މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، އިންވެސްޓް ކުރާ ފަރާތްތަކަށް އެ އިންވެސްޓްމަންޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އަދި ޕްރޮކިއުމަންޓުގެ ކަންކަން ދެފުށްފެންނަހެން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
ތަރައްގީވަމުން އަންނަ ކުޑަ ގައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިގުތިސާދެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްގީއަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު އިންވެސްޓްމަންޓުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ބައިނަލްއަގްވާމީ ބާޒާރުގައި ހުރި މާލީ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެކަންކަމާ ކުރިމަތިލައި ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މުސްތަޤުބަލުގައި އިޤުތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި އިޤުތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކުވެރި ޢަރަބި އިމާރާތުގެ ގިނަ އިންވެސްޓަރުން އެ ފޯރަމްގައި ތިބިކަން ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއަކީ ގުޅިގެން މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ގައުމުކަން ފާހަގަކުރެއްވިއެވެ. އަދި އެޤައުމުގެ ތަޖުރިބާގެ އަލީގައި ރާއްޖެއިން ކުރިއަށްދިއުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި އިމާރާތަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ އެއް ޤައުމުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ބައި ބިލިއަން ޑޮލަރަށް އަރާކަމާއި އަދި 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓުގެ 12 އިންސައްތަ ހިއްސާކުރަނީވެސް އެޤައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‘ރަސްމާލެ’ ފަދަ މި ސަރުކާރުގެ އުންމީދީ އަދި އަގުހުރި އުމްރާނީ ތަރައްޤީގެ މައިގަނޑު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި މި ބޮޑެތި މަޝްރޫޢުތަކަކީ ހަމައެކަނި ސަރުކާރުން އެކަނި މަސައްކަތް ކޮށްގެން ފުރިހަމަ ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމާއި އޭގެ ބަދަލުގައި އެކަންކަން ފުރިހަމަ ކުރުމުގައި ގިނަ ޤައުމުތައް އެކުވެގެން ކުރެވޭ މަސައްކަތާއި ދޭދޭ ގުޅުންތަކާއި އަމިއްލަ ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އަދުގެ ދުނިޔޭގައި އިޤުތިސާދީ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކުގައި މަސައްކަތްކޮށް މި ގޮންޖެހުންތަކުން އަރައިގަނެ ވިލުންތެރިކަން އިތުރުކޮށް ކުރިއަށްވުރެ ވަރުގަދަކޮށް ތެދުވެ ކުރިއަށް ދިއުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް 2024 ގައި އެކުވެރި އަރަބި އިމާރާތުގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވިއެވެ. އަދި ވަޒީރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ފޯރަމުގައި ބައިވެރިވިއެވެ.
މިއީ ސަރުކާރުން މިއަހަރު ބޭއްވި ދެ ވަނަ އިންވެސްޓް މޯލްޑިވްސް ފޯރަމެވެ. ފުރަތަމަ ފޯރަމް މިއަހަރުގެ ޖަނަވަރީ މަހު ޗައިނާގައި ބާއްވާފައިވާއިރު އެ ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތަށް ކުރައްވާ މި ދަތުރުފުޅަކީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ވަރލްޑް ގަވާމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.