English Edition
Dhivehi Edition
މޫސާ ސިރާޖު

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމުގައި މެންބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގައި މިއަދު ބަހުސް ކުރިއަށް ދަނިކޮށް މޫސާ ސިރާޖު ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ, ކޯޓެއްގައި މައްސަލައެއް ކުރިއަށް ދަނިކޮށް މަޖިލީހުގައި އެ މައްސަލައަކާގުޅޭގޮތުން ބަހުސްކުރަން މަޖިލީހުގެ ގަވާއިދު ތަން ނުދޭކަމަށެވެ.

“މަޖިލިސް ގަވާއިދުގެ 170 މާއްދާ އާއި, 180 ވަނަ މާއްދާގެ (ބ) އާއި 234 ވަނަ މާއްދާގެ (1) ގައި ވަރަށް ސާފު އިބާރާތުން އެބަ ބަޔާންކުރޭ ޝަރީއަތުގަ އޮތް މައްސަލައަކާ ގުޅޭގޮތުން ބަހުސްއެއް ނުހިންގޭނެކަމަށް. ޝަރީއަތުގަ ކުރިއަށް ހިނގަމުން ދާ މައްސަލައަކާ ގުޅޭގޮތުން ބަހުސް ނުކުރެވޭނެކަމަށް ވަރަށް ސާފުކޮށް އެބަބުނޭ. ސުޕްރީމް ކޯޓުގަ މި މައްސަލަ ކުރިއަށް ގޮސްގޮސް އޮއްވާ މި ގަވާއިދުގަ މި ބުނާ މާއްދާތަކާ ހިލާފަށް ހިންގެވުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގަ މައްސަލައެއް,” -މޫސާ ސިރާޖު-

މި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މައްސަލައަށް ބަހުސްއަށް ހުޅުވާލީ މި މައްސަލައަކީ މުޅި މަޖިލީހުގެ މަސައްކަތްތަކާއި, މަޖިލީހުގެ މުޅި އިމްތިޔާޒާ ގުޅުންހުރި މައްސަލައެއްކަމަށް ވާތީކަމަށެވެ.

“މަޖިލިސް ފަށަމުންވެސް އަޅުގަނޑު ދެންނެވިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާނީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނޭ. ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ އެއީ މަޖިލީހުގެ އިމްތިޔާޒްތަކާ މަޖިލީހުގެ ބާރުތަކާ އެކު މަޖިލީހަށް މަތިކުރެވިފައިވާ ބާރެއް. އެއްވެސް އެހެން ފަރާތަކުން މަޖިލީހުގެ މިވެނިކަމެއް ކުރަންޖެހޭނީ މިވެނިގޮތަކަށޭ. މިވެނިކަމެއް މަޑުކޮށްލަންޖެހޭނެކަމަށް ބުނާބުނުން ބަލައިގަތުމަކީ ދަތިކަމެއް,” އަސްލަމް މިއަދު ވިދާޅުވިއެވެ.

މޫސާ ސިރާޖުގެ ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ, މަޖިލީސް ހިންގަންވީ ގޮތް އެހެން އިދާރާއަކުން ކިޔައިދިނުމަކީ ބަލައިގަންނަން ދަތިކަމަކަށް ވީނަމަވެސް, ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމްކުރުމުގެ ގޮތުން, މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންކަމަށް ވާނީ ބަލައިގަނެފައިކަމަށެވެ. އަދި މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ހުޅުވާލި މައްސަލައަކީ މަޖިލީހުގެ ރައީސްގެ ނިންމެވުމާމެދު މަޖިލީހުގެ މެންބަރުން ގޮތެއް ނިންމެވުމަށް ހުޅުވާލެއްވި މައްސަލައެއްކަމަށެވެ.