English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ ރިޔާސީ ބަޔާނަކީ އެންމެ ޝާމިލް، އެންމެ ވިޝަނަރީ ރިޔާސީ ބަޔާނަށް ވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެކަމަށެވެ.

ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ. ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ޖެހެ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ވާއިރު އެ މަނިކުފާނުގެ ބަޔާނުގައި ސަރުކާރުން ދިވެހިރާއްޖެގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ބަޔާންކުރައްވާނެއެވެ.

އެހެން އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަސް ބަންދު ނުކުރުމަށް ނިންމަވާފައެވެ.