ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޝާމް އަވަހާރަވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓާޒް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސްކަމަށް ވިޝާމް އިންތިހާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުއެވެ.
ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށާއި ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށެވެ.