English Edition
Dhivehi Edition

ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ ފީފާއިން ހޮވި 2023 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

މިފަހަރުގެ އެވޯޑު މެސީއަށް ލިބުނުއިރު، 2022 ވަނަ އަހަރުގެ މި އެވޯޑުވެސް ހޯދީ މެސީއެވެ.

އިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހޯމަދުވަހުގެ ރޭ ބޭއްވި މި އެވޯޑް ހަފްލާގައި 2023 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އަދި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

ވޯޓްލީ މީހުންގެ ތެރެއިން ގައުމީ ޓީމުގެ ކެޕްޓަނުންނާއި މީޑިއާގެ ބައިން މެސީއަށް 13 ޕޮއިންޓް ލިބުނު އިރު ހާލަންޑަށް ލިބުނީ 11 ޕޮއިންޓެވެ. އަދި ކޯޗުން ނާއި ކުޅިވަރު ނޫސްވެރިންގެ ބައިން ހާލަންޑް 13 ޕޮއިންޓް ލިބުނުއިރު، މެސީއަށް ލިބުނީ 11 ޕޮއިންޓެވެ. މިއާއެކު ދެ ކުޅުންތެރިންނަށް ވެސް ވަނީ 48 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނަ ހޯދި އެމްބާޕޭ އަށް ޖުމްލަ ލިބުނީ 35 ޕޮއިންޓެވެ.

ފީފާ ބެސްޓް އެވޯޑަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މަގާމެކެވެ. އަށް ފަހަރު ބެލޮންޑޯއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ ވަނީ ފީފާ ދަ ބެސްޓް އެވޯޑް ވެސް މީގެ ކުރިން ތިން ފަހަރު ހާސިލްކޮށްފަ އެވެ. މީގެ ކުރިން މެސީ މި އެވޯޑް ހޯދާފައިވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2022 ގައެވެ.

މި އެވޯޑު މެސީއަށް ލިބުނު ނަމަވެސް އޭނާ ރޭގެ މި އެވޯޑް ހަފްލާއަށް ނުދެއެވެ. ބައެއް ރިޕޯޓުތައް ބުނި ގޮތުގައި މެސީ މި ހަފްލާއަށް ނުދިޔައީ އޭނާއަށް މި އެވޯޑާއި ދޭތެރޭ ޔަގީންކަމެއް ނެތުމުންނެވެ.

ފީފާއިން ހޮވި 2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމާއި ކުލަބް ބާސެލޯނާއަށް ކުޅެމުންއަންނަ އައިތާނާ ބޮންމަޓީ އެވެ. މިއީ އޭނާ މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ.

2023 ވަނަ އަހަރުގެ އެނެމް މޮޅު ފިރިހެން ކޯޗުގެ އެވޯޑް ޕެޕް ގާޑިއޯލާއަށް ލިބުނުއިރު، އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ލިބުނީ އިނގިރޭސި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސަރީނާ ވިގްމަން އަށެވެ.