English Edition
Dhivehi Edition
ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް

މި ސަރުކާރުގެ މެނިފެސްޓޯ އާއި އިދިކޮޅަށް ވާހަކަ ދައްކަވާ ކެނޑިޑޭޓަކު މާލޭގެ މޭޔަރުކަމަށް ހޮވިއްޖެނަމަ، ކަންކަން ރަނގަޅަށް ނުދާނެކަމަށް ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މާލޭ ސިޓީ މޭޔަރު، އަދި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހިދުމަތާއި އެއް ފެންވަރަށް އެ މަސައްކަތް ކުރައްވާނެ ހަމައެކަނި ކެނޑިޑޭޓަކީ، އާޒިމާ ޝަކޫރު ކަމަށެވެ.

ރައީސް ޑރ.މުއިއްޒުގެ މެނިފެސްޓޯ އާއި އިދިކޮޅަށް ވާހަކަ ދައްކަވާ ކެނޑިޑޭޓަކު ހޮވިއްޖެނަމަ، ކަންކަން ރަނގަޅަކަށް ނުދާނެކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް، ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މާލެއަށް ކޮށްދެއްވަން ނިންމި ކަންތައްތައް ސަރުކާރުން އެއްބާރުލުން ނުދެއްވައިގެން ނުކުރެވުނުކަމުގައެވެ. އެހެންކަމުން މިހާރު އެފަދަ ގޮތަކަށް އެކަން ވެއްޖެނަމަ، މޭޔަރަކަށް ހޮވޭ އިދިކޮޅު ކެނޑިޑޭޓަކު ސަރުކާރަށް ހުރަސް އަޅުއްވަފާނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުބާރު ކުރައްވާ މޭޔަރަކު މާލޭގައި ހުންނަވައިފިނަމަ، ތޮތްޖެހިފައިވާ މާލެ ހިތް ފަސޭހަތަނަކަށް ބަދަލުވެގެންދާނެކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އާޒިމާއަކީ ރައީސް މުއިއްޒުގެ ހިދުމަތާއި އެއްފެންވަރަށް މަސައްކަތް ކުރައްވާނެ ހަމައެކަނި ކެނޑިޑޭޓް ކަމަށާއި މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ރައްޔިތުން ހިފަން ޖެހޭކަމަށެވެ.