English Edition
Dhivehi Edition
ވިލިމާލެ އާއި މާލެ އާއި ދެމެދު ސީއެމްބިއުލެސްގެ ހިދުމަތް ފެށުން

ވިލިމާލެއާ މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

ސީއެމްބިއުލާންސް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަރުވަންތަ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއެވެ. އަދި ހެލްތް މިނިސްޓްރިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އަބްދުއްރައްޒާގް ވިދާޅުވީ ސީއެމްބިއުލާންސް ބާއްވަން ހަމަޖެހިފައި ވަނީ ވިލިމާލެ ބަނދަރުގައި ކަމަށާ މި ހިދުމަތް ދެމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ މެނޭޖްމެންޓްގެ ބެލުމުގެ ދަށުން ކަމަށެވެ. ވިލިމާލެ ހޮސްޕިޓަލުން އެންމެ އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވެމުން ނުދާތީ ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދީގެން ވިލިމާލެ ހޮސްޕިޓަލްގެ ސިއްހީ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ އިބްރާހިމް އަބްދުއްރައްޒާގް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަމުން ދާ ކަމަށެވެ.

މީގެއިތުރުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލްގެ ހާލަތު ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުމުން އެންމެ ފުރަތަމަ ވެސް އިވިލެއްވީ އެމަޖެންސީގައި ބަލި މީހުން މާލެ ގެންދިއުމަށް އުނދަގޫތަކެއް ހުރި ކަމުގެ ވާހަކަ ކަމަށެވެ. އަދި މިއަދު ފެށިގެންދާ ހިދުމަތާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ޑރ. އަބްދުﷲ ހަލީލް ވިދާޅުވިއެވެ.