English Edition
Dhivehi Edition

އައްޑޫ ސިޓީގައި ސީއެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުން ދިޔަ ‘ލޯންޗް’ އެހެން ރަށަކަށް ފޮނުވާލުމާއި ގުޅިގެން ހުޅުމީދޫ ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ.

މިދިޔަ ޖަނަވަރީ މަހު، މި ލޯންޗު އެހެން ރަށަކަށް ފޮނުވާލުމަށް ނިންމުމާއި ގުޅިގެން މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުޅުމީދޫ ސިއްހީ މަރުކަޒުން މި ދެރަށުގެ ރައްޔަތުން ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު، އެކަށީގެންވާ ސިއްހީ ފަރުވާ ދެވޭ ހިސާބަކަށް ގެންދިއުމަށްޓަކައި ސަރުކާރުންދީފައިވާ ސީއެމްބިއުލާންސް އުތުރުގެ އަތޮޅުތަކަށް ދޭން ނިންމާފައިވާކަމަށެވެ. ހުޅުމީދޫގައި ބޭނުންކުރާ ސީއެމްބިއުލާންސުން 20-15 މިނިޓްތެރޭ ހިތަދޫއަށް ދެވޭކަން ފާހަގަކޮށް އެ ފަރާތުން ބުނީ އެ ސީއެމްބިއުލާންސްގެ ބަދަލުގައި ހުޅުމީދޫއަށް ގެންނަން އުޅޭ ސީއެމްބިއުލާންސުން ހިތަދޫއަށް ދިއުމަށް 40 މިނިޓް ނަގާނެކަމަށެވެ. އަދި މި ސީއެމްބިއުލާންސަކީ ކަނޑުމަތީގައި އެކްސިޑެންޓެއްގައި ހަލާކުވެފައިވާ ލޯންޗެއްކަމުގައިވެސް އެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު މިކަން ނުކުރުމަށް ގޮވާލާފައިވާއިރު، ހުޅުމީދޫގައި ކުރިން ބޭނުންކުރަމުން ދިޔަ ސީއެމްބިއުލާންސް ގެ ބަދަލުގައި ‘އާ ސީއެމްބިއުލާންސެއް’ ވަނީ ގެނެސްފައެވެ. ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން، މިއަދު ސީއެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައިވެސް ‘ލޯންޗް’ގެ ސްޕީޑް ދަށްވެ ކުއްލިއަކަށް ހުއްޓުނެވެ، އެހެންނަމަވެސް ކުޑައިރުކޮޅެއްފަހުން އެކަން ހައްލުކުރެވުނުއިރު ހުޅުމީދޫ އިން ފޭދޫއަށް މި ސީއެމްބިއުލާންސުގައި ދަތުރުކުރުމަށް 30 މިނިޓް ނެގިކަމަށް މައުލޫމާތު ލިބެއެވެ،

މިކަމާއި ގުޅިގެން ހުޅުމީދޫ ހެލްތް ސެންޓަރުގެ މެނޭޖަރ އިބްރާހީމް ދީދީ ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ސިއްހީ މަރުކަޒާއި މަޝްވަރާކޮށްފައި ނުވާކަމަށާއި ސީއެމްބިއުލާންސް އަކީ އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން ދެމުން ގެންދާ ހިދުމަތެއްކަމަށެވެ. ” ސީއެމްބިއުލާންސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެމްއެންޑީއެފް އިން. އަޅުގަނޑުމެން ސިއްހީ މަރުކަޒުން ހަމައެކަނި އާސަންދަ ހަމަޖައްސައިދެނީ.” އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ދަށުންނެވެ.