English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ދޭ އެންމެ ފަޚުރުވެރި ލަގަބު ކަމަށްވާ ”ބޮޑު ރަސްގެފާނު ލަގަބު“ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ރޭ އަރުވައިފިއެވެ.

މިއީ މަސީއިން މި ލަގަބު އެރުވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނަށް މި ލަގަބު އެރުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި ”އެމްއެންއޭސީއައި ބިލްޑަރ އެވޯޑްސް 2023“ ހަފުލާގައެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ މި ޙަފުލާގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބުރިޖު “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު” އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.